English Edition
Dhivehi Edition

ދައްކަން މިއުޅެނީ އާ ވާހަކައެއް ނޫނެވެ. މިއީ އަބަދުވެސް ހުޅުދޫ މީދޫ ރައްޔިތުންގެ އިތުރުން އެ އަވަށަށް ޒިޔާރަތް ކުރާ ފަރާތްތަކުންވެސް ދައްކަމުންދާ ވާހަކައެކެވެ. އެމީހުންގެ ފުރާނައާއި އަގުބޮޑު މުދަލާއިވެސް ގުޅިފައިވާ ވާހަކައެވެ. މި ވާހަކަ ކިތަންމެ ގިނައިން ދެއްކި ނަމަވެސް އެއްވެސް ފަރާތަކުން މާ ބޮޑު ސަމާލުކަމެއްދީ މި މައްސަލަ ހައްލުކުރަން މަސައްކަތް ކުރާތަން އަދި މިހާތަނަށް ފެނިފައެއް ނުވެއެވެ. އައްޑޫ ސިޓީ ހުޅުދޫ މީދޫއަށް އަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެންމެ ފުރަތަމަ އުފުލަންޖެހޭ ތަކްލީފާއި އެކު އެ ދެ އަވަށުގެ ރައްޔިތުންގެ އިތުރުން ގިނަ ބަޔަކު ބޭނުންކުރަމުންދާ މެދު ބަނދަރު މަގުގެ ވާހަކައެވެ.

ހުޅުދޫ މީދޫ ރައްޔިތުން ލަފާ ފުރުމަށް އެންމެ ގިނައިން ބޭނުން ކުރަމުންދާ މެދު ބަނދަރަށް ދާން އޮންނަ މަގަކީ ދެ ފަރާތުގައި ފެތިރޯނު ގަސްތައް އިންދާފައިވާ މަގެކެވެ. މަގު މެދުގައި މަގަށް އަލިކުރުމަށް ލައިޓް ޕޯލްތައް ޖަހާފައިވާއިރު އެ މަގަކީ އެއްވެސް ހާލަތެއްގައި ބަޔަކު ސާފުކޮށް ބަލަހައްޓާ މަގެކޭ ބުނެވޭކަށް ނެތެވެ. މަގުގައި ހެދިފައިވާ ވަޅުގަނޑުތަކުގެ އުނދަގުލާއެކު އެ މަގަކީ ފަސްއަޅައިގެން ހިއްކާ، ހަދާފައިވާ މަގެއްކަމުން އެ މަގުގައި ހުންނަ ކުދި ގާ ކޮޅު ތަކަކީވެސް އޭގެ ނުރައްކާ އިންތިހާއަށް ބޮޑެތި އެއްޗެއްސެވެ.

މި ދެ އަވަށުގެ އެންމެ ގިނަ ބަޔަކު މަސައްކަތްކުރާ އެމްޓީސީސީ ފެރީ ޓާމިނަލް އާއި އެމްޓީސީސީ ސައިޓްގެ އިތުރުން މިފްކޯ އަށް ދިއުމަށްވެސް މި އުނދަގޫ މަގު ކޮންމެ ދުވަހަކު ހުރަސްކުރަންޖެހޭ އިރު މިއީ ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުންވެސް ކޮންމެހެން ބޭނުންކުރަން ‘މަޖުބޫރުވެފައިވާ މަގެކެވެ’. އެހެންނަމަވެސް މި މަގުގެ ހާލަތަށް ބަލާލާއިރު މިއީ ދުއްވުމަށް އެކަށީގެންވާ މަގެއް ނޫންކަން މި ދެ އަވަށުގެ ރައްޔިތުންވެސް ގަބޫލުކުރެއެވެ. މި މަގުގައި އެމްޓީސީސީ އިން ބޭނުންކުރާ ހެވީ ވެހިކަލްތަކާއި، ބަސްވެސް ދުއްވަމުން އަންނައިރު، މި މަގަކީ ވެހިކަލް ދުއްވުމާއި ހިނގާ އުޅޭ މީހުން ބޭނުން ކުރުމަށް ހަދާފައިވާ މަގެކޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތެވެ.

މަގުގެ ހާލަތު ގޯސްވެ ކޮންމެ މީހަކުވެސް މަގުގެ އެންމެ ރަނގަޅަށް އޮންނަ ތަންކޮޅުން ދުއްވޭތޯ މަސައްކަތްކުރަމުންދާއިރު ބައެއް ފަހަރު މަގުމަތީގައި ވެހިކަލް ދުއްވުމުގެ ގަވައިދުތަކާއި ހިލާފަށް ނުބައި ފަޅިން ދުއްވުންވެސް މިހާރު ވަނީ އާދައަކަށްވެފައެވެ. އާންމު ރައްޔިތުންގެ އިތުރުން ސަރުކާރުގެ މުވައްސަސާތަކުން ބޭނުންކުރާ ވެހިކަލްތައްވެސް މަގުގެ ނުބައި ފަޅި ގިނަ ފަހަރަށް ބޭނުން ކުރަން ‘މަޖުބޫރުވެފައިވާއިރު’ މިއީ މިކަން ހިނގަންޖެހޭ އުސޫލުކަމަށް ހުދު އެ ފަރާތްތަކުންވެސް ގަބޫލެއް ނުކުރެއެވެ،

 

“އެންމެންވެސް މަސައްކަތްކުރަނީ އެންމެ ރަނގަޅަށް އޮންނަ ތަންކޮޅުން ދުއްވަން. ދެން އެހެން ހަދައިގެން ގިނަ ފަހަރަށް އަރަންވީ ކޮޅެއްވެސް ނޭގޭ. މި މަގުން ދުއްވައިގެން ވެހިކަލްތަކަށް ގެއްލުން ލިބުމުގެ އިތުރުން މީހާއަށްވެސް ގިނަ ގެއްލުންތަކެއް ލިބޭ. މަގުގައި ހުންނަ ކުދި ގާކޮޅުތަކަށް އެރި ވެއްޓި އަނިޔާވެދާނެތީވެސް ބިރުން ދުއްވަން މިޖެހެނީ. އަދި ލައިޓްތައް ނުދިއްލޭ ދުވަސް ވަރެއްގައި މި މަގުން ދުއްވުމަކީ ވަރަށް ބިރު ބޮޑުކަމެއް.” އާންމުކޮށް އެ މަގު ބޭނުންކުރާ ފަރާތަކުން ‘އޭއޯ ނިއުސް’ އާއި ވާހަކަ ދައްކަމުން ބުންޏެވެ.

މި މަގުގެ ހާލަތާއި މި މަގު ހުރަސްކުރުމަށް އުފުލަންޖެހޭ ތަކުލީފު އަމިއްލައަށް ތަޖުރިބާ ނުކާރާ އެއްވެސް ވެރިއަކު މި ދެ އަވަށުގައި ހުންނާނެކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެހެންނަމަވެސް މި މަގަށް އެއްވެސް ބަޔަކު މާ ބޮޑު ސަމާލުކަމެއްދީ މި މަގުގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރާ ތަން ނުފެނުމަކީ ދެރަކަމެކެވެ.