English Edition
Dhivehi Edition

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާ ގުޅިގެން ފުވައްމުލައް ސިޓީ މީހަކު ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ލ. ގަން ޕޮލިސް އިން ތަހުގީގު ކުރަމުންދާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެގެން ހޯދަނީ ޏ. ފުވައްމުލައް. ދޫޑިގަން / ނިއުވެލީ، އިބްރާހިމް ޝާހީން (35އ) ކަމަށެވެ.

އޭނާ ހޯދަން އިއުލާން ކުރީ މި މައްސަލައާ ގުޅިގެން ތަހުގީގަށް ހާޒިރު ކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީއާއި އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެހެންވެ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލައާ ގުޅިގެން ސުވާލުކުރުމަށް/ މަޢުލޫމާތު ސާފުކުރުމަށް އޭނާ ހާޒިރުވާންޖެހެނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް، 2022 އޮކްޓޯބަރ 17 ވަނަ ދުވަހުގެ 14:00 އަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިމީހާއާ ބެހޭ އެއްވެސް މައުލޫމާތު ލިބިފައިވާނަމަ ލ. ގަން ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791261 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.