English Edition
Dhivehi Edition
  1. މާލެ ސިޓީ ކައުންސިލުން ގަހާއި ގަސްކާނާ ވިއްކާ ފިހާރައެއް ހުޅުވައިފިއެވެ.

މާލޭގައި އެއް ލައްކަ ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން ކާނިވާ ސަރަހައްދުގައި ހަދާފައިވާ “މާލެ ފެހި” ފިހާރަ ހުޅުއްވައި ދެއްވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

މި ވަގުތު އެ ފިހާރައިން 25 ބާވަތެއްގެ ގަހާއި ގަސް ހެއްދުމަށް ބޭނުންވާ އެކި ސާމާނު ލިބޭނެއެވެ.

މި ފިހާރަ ހުޅުވައިދެއްވަމުން މޭޔަރު މުއިއްޒު ވިދާޅުވީ އާއްމުންނަށް ގަސް ގަނެވޭނެ ގޮތަށް އައުޓްލެޓެއް ހުޅުވުމުގެ ބޭނުމަކީ މާލެ ފެހިކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި ގޭގަ އާއި ގޯތިތެރޭގައި ގަސް ހައްދަން ބޭނުންވާ މީހުންނަށް އެ ޖާގަ ދިނުން ކަމަށް މޭޔަރު ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ކުރިއަށް ގެންދާ އެއްލައްކަ ގަސް ޕްރޮގްރާމަކީ ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަމެކެވެ. އަދި މި ޕްރޮގްރާމަކީ ދެމެހެއްޓެނިވި އަދި ވަށައިޖެހޭ ގޮތެއްގައި ކުރިއަށް ގެންދާނެ ޕްރޮގްރާމެކެވެ.