English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ރ. އިންނަމާދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ރަށުގެ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލާއި، އ.ތ.މ. ކޮމެޓީއާއި އަދި، މުއައްސަސާތަކުގެ ވެރިން ވަނީ އެރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާއި، ކުރިމަތިވާ ބައެއް ދަތިތައް ފާހަގަކުރައްވާފަ އެވެ.

އެގޮތުން ،މި ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ރަށުގެ ފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއި، ބަނދަރު އަޕްގްރޭޑްކުރަން ބޭނުންވާކަމާއި، އަދި ބަނދަރާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއި، ސްކޫލްގެ ޖާގައިގެ ދަތިތަކާއި، އަދި ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތެއްގެ މުހިންމުކަން ހިމެނެ އެވެ.

މީގެ އިތުރުން ރަށްގިރުމުގެ މައްސަލައާއި، ރަށުގެ ސިނާޢީ މަސައްކަތްކުރާ ފަރާތްތަކަށް އެމަސައްކަތްތައް ކުރުމަށް ވަންދޫއިން ބިން ހަމަޖެއްސުމާއި ބެހޭގޮތުންނާއި، ރަށުގައި ޕޮލިސް ޕޯސްޓެއް ޤާއިމުކުރުމާއި، ރަށުގައި ކުނިމެނޭޓްކުރުމުގައި ކުރިމަތިވާ ދަތިތައް މި ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމެޓީން ވަނީ ރަށުގައި ފަތާ ފެންގަޑެއް އަދި ކުޑަކުދިންގެ ޕާކެއް ޤާއިމުކުރުމަށް ބޭނުންވާކަން ފާހަގަކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ސަރުކާރުން އަދި، ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ކަންކަން ކުރައްވަނީ ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުން އެންމެ ބޭނުންވާ ކަންކަމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެންކަން ފާހަގަކުރެއްވި އެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާނެކަމުގައި ވިދާޅުވެފަ އެވެ.

މީގެ އިތުރުން ކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިންނަމާދޫ ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވައި، ޞިއްޙީ މަރުކަޒުގެ ޙާލަތު ބައްލަވާލައްވައި، ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނާ މަޝްވަރާކުރައްވާފަ އެވެ.

މީގެ އިތުރުން ރ. އިންނަމާދުއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުރެއްވި ދަތުރުފުޅުގެ ކުރިން އެމަނިކުފާނު ވަނީ، ރ. ވަންދޫއަށް ވެސް ޒިޔާރަތް ކުރައްވައި، އެރަށުގައި ކުރިޔަށްގެންދާ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ފެސިލިޓީގެ މަސައްކަތްތައް ބައްލަވާލައްވައި އެކަމާގުޅޭ މަޢުލޫމާތު ވެމްކޯގެ މުވައްޒަފުންގެ ފަރާތުން ހޯއްދަވާފަ އެވެ.