ޗުއްޓީއެއްގައި މި އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ބަންގްލަދޭޝަށް ދިޔަ މަރަދޫފޭދޫ އުމުރުން ދުވަސްވީ ފިރިހެނަކު ކުއްލިއަކަށް މަރުވެއްޖެއެވެ.
މަރަދޫފޭދޫ ކަލަރުމާގޭ އަބްދުﷲ ފަތުހީ އަކީ އުމުރުން 65 އަހަރަށް ވުރެ މަތިވެފައިވާ މީހެކެވެ. އޭނާ މަރުވެފައިވާކަން މިއަދު އާއިލާއަށް އަންގާފައިވާ ކަމަށް އާއިލާއިން ބުނެއެވެ.
“ނޭނގޭ މަރުވީ ކިހިނެއްކަމެއް. ކުއްލި މަރެކޭ ބުނަނީ. ގުދުރަތީ މަރެއް ކަމެއް އަދި އެނޫން ގޮތެއް ކަމެއްވެސް ނޭނގޭ. އިންވެސްޓިގޭޝަނަށް ފަހު ވަކި ގޮތަކަށް ބުނަން އެނގޭނީ” ފަތުހީގެ އާއިލާއިން “އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.
ފަތުހީ މަރުވިކަން އެނގުނީ މިއަދު މެންދުރު ބަންގްލަދޭޝްގައި ހުންނަ ދިވެހި އެމްބަސީ އިން ގުޅާފައި ބުނުމުން ކަމަށާއި މަރުވީ ކުއްލިއަކަށް ހާލުދެރަވެ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށް ވެސް އާއިލާއިން ބުނެއެވެ.
ފަތުހީ ބަންގްލަދޭޝަށް ދިޔައީ އެތަނުގެ ޒުވާން އަންހެނަކާ އޮންލައިނުން ދިމާވެ ރައްޓެހިވެގެން ކަމަށް ވެސް ބައެއް މީހުން ބުނެއެވެ. އޭނާ ބުނިގޮތުގައި ފަތުހީ ބަންގްލަދޭޝަށް ދިޔައީ އަންހެންމީހާއާއި ބައްދަލުކޮށް ކައިވެނިކުރާށެވެ. އެއާޕޯޓުން އަންހެން މީހާއާއި ބައްދަލުވެގެން އެވާހަކަ ވެސް ފަތުހީ ވަނީ ރަޙްމަތްތެރިންނަށް ކިޔައިދީފައެވެ.
“އެއާޕޯޓަށް އަންހެންމީހާ އައިވާހަކަ ފަތުހީ ބުނި. އެހާ ހިސާބުން ދެން ފަތުހީގެ މައުލޫމާތެއް ނުލިބޭ. ފަތުހީގެ ފޮޓޯވެސް ވައިބަރ ގައި ހުރޭ. މިހާރު ހީވަނީ ވައިބަރ ވެސް ވަނީ ޑީއެކްޓިވޭޓް ކޮށްފައި ހެން” އޭނާ ކިޔައިދިނެވެ.
މައުލޫމާތު ލިބޭ ގޮތުގައި ފަތުހީ ހޮސްޕިޓަލަށް ގެންދިޔައީ ހޮޑުލާތީއެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަތާ މާގިނަ އިރުތަކެއް ނުވެ ފަތުހީ މަރުވި ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
“ވެދާނެ ކޮންމެ ވެސް ބޮޑު ކަންތައްގަނޑެއް އެތަނުގައި ހިނގައި އެއްޗެއް ކާންދީގެން ފަތުހީ މަރާލީ ކަމަށް ވެސް. ނުވަތަ އެއްޗެއް ކައިގެން މަރުވީ ކަމަށް ވެސް” ފަތުހީ ގެ ވާހަކަ ދަންނަ މީހަކު ކިޔައިދިނެވެ.
ފަތުހީގެ އާއިލާއިން ބުނީ އޭނާގެ ހަށިގަނޑު ރާއްޖެ ގެނެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ހަށިގަނޑު މިހާރު ވަނީ އެ ގައުމުގެ ފުލުހުންނާއި އެތަނުގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ބެލުމުގެ ދަށުގަ އެވެ.