ދިވެހިންނަށް ފަހިވާގޮތަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފަހިކޮށްދިނުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ގޮވާލައިފި އެވެ.
އެ ޕާޓީން މިފަދައިން ގޮވާލީ މިއަދުފާހަގަކުރާ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބާގައި އެ ޕާޓީގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ކުރެއްވި ޓްވީޓެއްގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ނާޒިމް ގެ ޓްވީޓުގައި ވަނީ ރާއްޖޭގައި ހިނގަހިނގާ އޮތް 166 ރިޒޯޓު އޮތްއިރު ދިވެހިންގެ ފުރިހަމަ ބާރު ހިނގާ އަދި ދިވެހިންގެ ކިތައް ރިޒޯޓު އެބައޮތްތޯ ސުވާލު ކުރައްވާފަ އެވެ.
“ދިވެހިންނަށް ފަހިވާގޮތަށް ސިނާއަތް (ފަތުރުވެރިކަމުގެ ސިނާއަތް) ބަދަލުވާން ޖެހޭ” ނާޒިމް ވިދާޅުވި އެވެ.
މީގެ އިތުރުން ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ހެޔޮއެދުންތައް އެ ސިނާއަތުގައި ޝާމިލުވާ އެންމެހާ ފަރާތްތަކަށް ފޮނުއްވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ރާއްޖޭގެ ގިނަ ރިސޯޓުތަކަކީ ބޭރުގެ ފަރާތްތަކާ ގުޅިގެން ހިންގާ ރިސޯޓުތަކަށްވާއިރު، ގިނަ ރިސޯޓުތަކުގައި މުވައްޒަފުންގެ ގޮތުގައި ގިނައިން ތިބެނީ ވެސް ބިދޭސީން ނެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރިން ބުނެފައިވާގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ވެރީންނަށް ދިވެހިން ހެދުމަކީ މުހިންމުކަމެކެވެ. އެކަމަށް ހާއްސަކޮށްގެން ތަމްރީން ޕްރޮގްރާމްތަކެއްވެސް އެއިރު ފެށިއެވެ.