English Edition
Dhivehi Edition

ގައުމަށް ގެއްލުންވާގޮތަށް މަސައްކަތްކުރާ އެއްވެސް މީހަކަށް ރާއްޖެއިން ޖާގަ ނުލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން މިރޭ ބޭއްވި ޙަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ ކާބަފައިންގެ ޖިހާދާއި އެމީހުންގެ ޤުރުބާނުގެ ލެއިން ތަތްތެޅިފައިވާ ބިމެއް ކަމަށެވެ. އެހެންކަމުން “މިބިމުގެ ޙައްޤު އެންމެހާ ދިވެހިންނަށް ލިބޭ ކަމަށެވެ. އެހެންނަމަވެސް ގައުމަށް ގެއްލުންވާ ގޮތަށް ކަންތައްކުރާ އެއްވެސް މީހަކަށް މިބުންޖާގައެއްނެތް ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގައި ސިޔާސީ މީހަކު، ސިޔާސީ ސަބަބަކަށްޓަކައި ހައްޔަރު ކޮށްފައިނުވާނެ ކަމަށެވެ. އެފަދަ މީހަކު ހައްޔަރުކުރެވިފައިވާނަމަ ނުވަތަ ހުކުމެއް ތަންފީޒު ކުރަމުންދާ ނަމަ ތަންފީޒު ވާނީ ޝަރީޢަތުގެ ހަމަތަކުގެ މަތިން އެމީހަކު ކުރި ކުށަކާ ގުޅިގެންކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މި ޙަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރަށް ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.