English Edition
Dhivehi Edition

މި ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ފުޅާކޮށް، ދެމެހެއްޓެނިވި އަދި އަތްފޯރާ އަގެއްގައި ވައިގެ މަގުންނާއި ކަނޑުމަގުން ދަތުރުފަތުރުކުރެވޭނެ ފަދަ އެކަމަށް ބޭނުންތެރި ޚިދުމަތްތައް ޤާއިމުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އަދާރަން ސިލެކްޓް ހުދުރަން ފުށީގައި ބޭއްވި ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2022 ގެ ހަވަނަ އެޑިޝަންގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސަޓާ 2016 ވަނަ އަހަރު އިފްތިތާޙްކުރެވުނު ފަހުން، ދެކުނު އޭޝިއާގެ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ފާހަގަކުރާ ދެވަނައެއް ނެތް ބަޔަކަށް ސަޓާ ވެގެން ގޮސްފައިވާކަން ފާހަގަކުރައްވައި، ސަޓާ ގެ އޯގަނައިޒަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ސަޓާ އެވޯޑްސްގައި ތަމްޞީލުކުރާ ދެކުނު އޭޝިއާގެ ހަ ޤައުމަކީ ދުނިޔޭގައި ވެސް ފަތުރުވެރިކަމުގެ ގޮތުން އެންމެ ފުރިހަމަ ޚިދުމަތް ފޯރުކޮށްދޭ ނަމޫނާ ޤައުމުތައްކަން ފާހަގަކުރައްވާފަ އެވެ.

މީގެ 50 އަހަރު ކުރިން ރާއްޖޭގެ ފަތުރުވެރިކަން އުފެދިގެންއައި ގޮތުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކުރެވުނީ ފަތުރުވެރިކަން ކުރިއެރުވުމަށް ޓަކައި، ޒުވާން ބައެއް ފަރާތްތަކުން ކުރި ބުރަ، އިޚްލާޞްތެރި، އަދި މިންނެތް މަސައްކަތްތަކުންކަން ފާހަގަކުރައްވާފަ އެވެ.

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިއަދު ރާއްޖެއަކީ އެންމެ ކުރިއަރާފައިވާ އެއް މަންޒިލްކަން ފާހަގަކުރައްވާފަ އެވެ. އަދި އެ ކާމިޔާބީ ލިބުމުގެ އަސްލު ޙަޤީޤަތަކީ ދިވެހި ރާއްޖޭގެ މެހެމާންދާރީ އަދާކުރުމުގެ ސިފަކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ދިވެހިންގެ އެންމެ ޚާއްޞަ އެއްކަމަކީ ގާތް ރަޙްމަތްތެރިކަމާއި، ދީލަތިކަމާއެކު ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް ޒިޔާރާތްކުރާ ކޮންމެ ފަތުރުވެރިއަކަށްވެސް އެންމެ ފުރިހަމަ ތަޖުރިބާ ފޯރުކޮށްދިނުމުގެ ވިސްނުން ހުރެ އެކަމަށް ކުރާ މަސައްކަތްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ.

ކޯވިޑް-19ގެ ސަބަބުން ދަތުރުފަތުރުކުރުމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ ހުރަސްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން އަޅަންޖެހުނު ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ރިސޯޓްތަކާއި ގެސްޓްހައުސްތައް ވަގުތީގޮތުން ބަންދުކުރަން ޖެހުމުން ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ނޭދެވޭ އަސަރުތަކެއް ކޮށްފައިވާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އަލުން ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި، ފަތުރުވެރިންނަށް މި ޤައުމަށް އައުމަށް މަގުފަހިވެގެންދިޔައީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމާއި، ސަރުކާރާއި ފަތުރުވެރިކަމުގެ ޞިނާޢަތު ގުޅިގެން ކުރި މަސައްކަތުންކަމުގައި ފާހަގަކުރައްވާފަ އެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ސަރުކާރަށް ވެދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރައްވައި ކޮވިޑްއަށް ފަހު ރާއްޖޭގެ ފަތުރުވެރިކަން ކުރިއެކޭ އެއްގޮތްވުމަށް ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ އެއްބާރުލުން ލިބުނުކަމުގައި ފާހަގަކުރައްވާފަ އެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ “ސަޓާ 2022” އެވޯޑް ފަތުރުވެރިކަމުގެ ދާއިރާއާއި ހޮސްޕިޓާލިޓީ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކުރެއްވި 5 ފަންނުވެރިންނަށް ޙަވާލުކޮށްދެއްވާފަ އެވެ.