English Edition
Dhivehi Edition

މާތް ﷲ وَحِي ކުރައްވާފައި ވެއެވެ. (( وَكُونُوا مَعَ الصَّادِقِينَ )) سورة التوبة 119
މާނައީ ” ތެދުވެރީންނާއެކު ތިޔަބައިމީހުން ވާށެވެ!”

ދަންނާށެވެ! ކީރިތި ޤުރްއާނުގެ މި އިރުޝާދަކީ މީސްތަކުންނާ މުޢާމަލާތްކުރުމުގައި އެންމެ މުހިއްމު އެއް ޤަވާޢިދެވެ. މި އާޔަތުގެ ކުރީބަޔަށް ވިސްނާލައިފިނަމަ މި އިރުޝާދުގެ މުހިއްމުކަން ވިސްނިގެންދާނެއެވެ. ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. (( يَاأَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَكُونُوا مَعَ الصَّادِقِينَ )) މާނައީ” އޭ އީމާންވެގެންތިބި މީހުންނޭވެ! ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ! އަދި ތެދުވެރީންނާއެކުވާށެވެ!”

އާދެ! މި ޤަވާޢިދަކީ އަބަދުވެސް ތެދުވެރީންނާ އެކު އުޅުމަށް އޮތް ނަޞީޙަތެކެވެ. ތެދުވެރީންނާ އެކު އުޅުމުގެ ސަބަބުން އެތައް ފައިދާ އެއް ތިމާގެ ނަފްސަށާއި ތިމާގެ މުޖްތަމަޢު އަށްވެސް ކުރާނެއެވެ. ތެދުވެރިކަމަކީ މަތިވެރި ހިއްމަތުގެ އަހުލުވެރީންގެ ޞިފައެކެވެ. ބުއްދި ފުރިހަމަ މީހުންގެ ފޭރާމެކެވެ.ތެދުވެރި ޞިފަ އަށަގަނެއްޖެމީހާގެ ނަފްސަކީ ޢަޒުމްވަރުގަދަ، ހިއްމަތްތެރި ނަފްސަކަށް ވާނެއެވެ. އަމިއްލަ ނަފްސަށް އިތުބާރު ކުރުމަކީ އޭނާގެ ގައިގާ ލާމެހިފައިވާ ޞިފައަކަށްވާނެ އެވެ. ތެދުވެރިޔާގެ ކިބައިން ހަރުދަނާކަމާ ކަރާމަތަކާއި މާތްކަމެއް ފެންނާނެމެއެވެ.އެއީ ނަބިއްޔުންނާއި ރަސޫލުންގެ ޞިފައެކެވެ. އެއީ މާތް ﷲ މަދަޙަ ބާވައިލައްވާފައިވާ ޞިފައެކެވެ.

ތެދުވެރިކަމުގެ އިދިކޮޅަކީ ދޮގުވެރިކަމެވެ. މި ޤަވާޢިދު ފުރިހަމަޔަށް ދޭހަވާނީ މީގެ އިދިކޮޅު ނަފީ ކޮށްގެނެވެ. އެއީ ” ދޮގުވެރީންނާ އެކު ތިޔަބައިމީހުން ނުވާށެވެ.
ދޮގުހަދާ، އޮޅުވާލާ މީހަކާ އެކު އުޅުމުގެ ސަބަބުން އެމީހެއްގެ ފަސްބައި ހަޑިވެ، އިތުބާރު ގެއްލިގެންދަނީ ކިތައް މީހުން ހެއްޔެވެ؟ ދޮގު ހެދުމަށް އާދަ ކޮށްފިމީހާ އަށް ދޮގު ހަދައިގެން މެނުވީ އެއްވެސް ކަމެއް ކުރެވޭކަމަކަށް ނުވާނެއެވެ. މީސްތަކުންނާ ކުރާ މުޢާމަލާތްތަކުގައި ދޮގު ހެދުމާ އޮޅުވާލުން ގެންގުޅުމުގެ އިތުރުން އެމީހެއްގެ އަމިއްލަ ނަފްސަށް ވެސް އޮޅުވާލާ ދޮގުހަދާ މީހުން ތިބޭކަމީ ކަމުގެ ބޮޑުކަން ދޭހަވެގެންދާ ކަމެކެވެ. ވާހަކަދައްކާ އިރު ދޮގު ހަދާ މީހާއަކީ މުނާފިޤުންގެ ޞިފަލިބިގެންވާ މީހެއްކަމުގައި ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާ ވަނީ ޙަދީޘްކުރައްވާފައެވެ. ދޮގު ހުވާ ކޮށްގެން މުދާ ވިއްކާ މީހާ އަށް ޤިޔާމަތްދުވަހުން ހުރި ވޭނާއި ނިކަމެތިކަން ވެސް އެކަލޭގެފާނު ވަނީ ބަޔާން ކުރައްވާފައެވެ. މަކަރުވެރިކަމުން ވިޔަފާރިކުރާ މީހާ އަށްވެސް ބަރަކާތެއް ނެތްކަމުގައި އެކަލޭގެފާނު ވަނީ ބަޔާންކުރައްވާފައެވެ.

އާދެ! ތެދުވެރީންނަކީ އެމީހުން ބުނާ ބަސްތަކުގައި އިތުބާރު އޮންނަ މީހުންނެވެ. ސީދާ ބަހުގެ އަހުލުވެރީންނެވެ. މާތް ﷲ އަމުރުކުރައްވާފައި އެވަނީ މިފަދަ މީހުންނާ އެކު ވުމަށެވެ. އާދެ! ތެދުވެރީންނަކީ އަނެކުންނަށް މަކަރާއި ޙީލަތް ހަދައިގެން ދިރިއުޅެމުންދާ މީހުންނެއްނޫނެވެ. މުޢާމަލާތުކުރުމުގައި އޮޅުވާލުމާއި ކެހިވެރިކަން ހިމަނާ މީހުންނެއް ނުމެ ނޫންމެއެވެ. ތެދުވެރިޔަކީ ތިމާގެ އަމިއްލަ ނަފްސަށްވެސް ތެދުވެރިވާ މީހާ އެވެ. ތިމާގެ ބަހާއި ޢަމަލުގައިވެސް ސީދާކަމާއި ތެދު އެކުލެވިފައިވާ މީހާއެވެ. އެފަދަ މީހުންނާ އެކު އުޅުމަށް މާތް ﷲ މިވަނީ މުއުމިނުންނަށް އިރުޝާދު ދެއްވާ އަމުރު ކުރައްވާފައެވެ.

މިއަދުވެސް ބޮޑެތި ވަޒީފާތަކަށް ތެދުވެރީން މަދުކަމުގެ ފަޅުކަން ކުރިމަތިވަމުންދާއިރު އަނެއްކޮޅުން ރަނގަޅު ވަޒީފާ އެއް ނުލިބިގެން އެއް ދިމާލުން އަނެއް ދިމާލަށް ދުވެދުވެ ތިބޭ މީހުންގެ މަންޒަރުވެސް އަޅުގަނޑުމެންނަށް ފެންނަލެއް ވަކި މަދެއް ނުވާނެއެވެ. ތެދުވެރި އިތުބާރުހުރި މީހަކު ވަޒީފާ ނުލިބިގެން ކަންބޮޑުވެގެން އުޅޭތަނެއް ނުމެފެންނަމެއެވެ. އެއިން އެގިގެންދަނީ ތެދުވެރިކަމުގެ މުހިއްމުކަމެވެ. އަގު ބޮޑު ކަމާ މަތިވެރިކަމެވެ. ދޮގާއި ދޮގުގެ އަހުލުވެރީންގެ ނިކަމެތިކަމެވެ. ބޭކާރުކަމެވެ. ކިތަންމެ ލޯބިވާ މީހަކަށް ވިޔަސް އެމީހަކީ ދޮގުހެދުމާ އޮޅުވާލުމުން ފާހަގަޖެހިފައިވާ މީހަކަށް ވެއްޖެނަމަ އެމީހަކަށް އިތުބާރެއް ނުކުރާނެއެވެ. އެމީހަކާ އެކު މުޢާމަލާތްކުރުމަކަށް ހިތްހަމައެއް ނުޖެހޭނެއެވެ. އެހެންކަމުން ދޮގު ބުނާ، ދޮގު ހަދާ، އަދި ދޮގު މުޢާމަލާތްކުރާ މީހުންގެ އެކުވެރިކަމުން އެއްކިބާވާށެވެ! ތިމާގެ ޙައްޤުގައި ވެސް އަނެކުންނަށް އޮޅުވާލައި މަކަރު ހަދައި އުޅޭ މީހާގެ ފުށުން އާޚިރުގައި ތިމާޔަށް ލިބޭ ގެއްލުން މާ ބޮޑުވާނެއެވެ. ދޮގު ފަތުރާ މީހުންގެ މަޖްލީސްތަކުން ދުރުވާށެވެ! ތިމާގެ ސަލާމަތާއި، އަމާންކަން ހުރީ އެގޮތުގައެެވެ. އެހެންކަމުން ” ތެދުވެރީންނާ އެކު ތިޔަބައިމީހުން ވާށެވެ!”
2 رمضان 1437هـ = عبد الله بن محمد إبراهيم =

މަޢުލޫމާތް: ދީނީޢިލްމުވެރިންގެ ފަތުވާތަކުން