English Edition
Dhivehi Edition

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) ގައި މަސައްކަތް ކުރައްވާ ގައިނީ ޑޮކްޓަރ އަހުމަދު މުހައްމަދު އަލީ (ޑރ. އަހުމަދު) ކުޑަ ދުވަސް ކޮޅަކަށް ކުޑަހުވަދޫއަށް ބަދަލުކުރެއްވުމަށް ފަހު އަލުން އެނބުރި އައްޑޫއަށް ވަޑައިގެންފިއެވެ. ޑރ. އަހުމަދު ކުޑަހުވަދުއަށް ބަދަލު ކުރެއްވީ ވަގުތީ ގޮތުންނެވެ. އެރަށަށް އޭނާ ފޮނުވީ ހެލްތު މިނިސްޓްރީގެ އެދުމަކަށް އެރަށުގައި ގައިނީ ޑޮކްޓަރަކު ނެތިގެންނެވެ. ޑރ. ކުޑަހުވަދޫގައި މަސައްކަތް ކުރެއްވުމަށް ފަހު އެނބުރި ރޭ އައްޑޫއަށް ވަޑައިގަތުމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މުވައްޒަފުންނާއި އެތަނުގެ އިސްވެރިން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ޑރ. އަހުމަދު އެޗުއާރުއެޗުގައި މަސައްކަތް ކުރައްވަން ފެއްޓެވިފަހުންވަނީ އައްޑޫސިޓީގެ ވަރަށްގިނަ މީހުންގެ މެދުގައި ޑރ ވަނީ ވަރަށްބޮޑަށް މަގުބޫލުވެފައެވެ. މިހާރުވެސް އޭނާގެ ބެއްލެވުމުގެ ދަށުން ގާތްގަނޑަކަށް 280 މާބަނޑު މީހުން ފަރުވާ ހޯދަމުން ގެންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ވަގުތީ ގޮތުންނަމަވެސް އަހުމަދު އެޗުއާރުއެޗުން ދިޔުމުން އޭނާގެ ޕޭޝަންޓުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަހުމަދު ކުޑަހުވަދުއަށް ދިޔައީ އަންހެނުންނާއި ދެ ކުދިން ހިތަދޫގައި ބައިތިއްބައިފައެވެ.