English Edition
Dhivehi Edition

އަހަރެމެން އިންސާނުންނަކީ އެމީހުންގެ ބޭނުންތަކާއި އެދުންތަކުގައި އެކަކުއަނެކަކާ ތަފާތު ބަޔެކެވެ. ކަން މިހެން ހުރުމާއި އެކު ދިރިއުޅުމުގެ ހަޔާތުގައި ދެބަސްވުންތަކާއި ޚިޔާލުތަފާތުވުންތައް އުފެދުމަކީ ވެދާނެ ކަމެކެވެ.

މިފަދަ ދަނޑިވަޅުތަކުގައި އުފެދޭ ޚިޔާލުތަފާތވުންތަކާއި ދެބަސްވުމުގެ ފައިދާ ނަގައި ދޭދޭ ފަރުދުންގެ މެދުގައި ރުޅިވެރިކަމާއި ހަސަދަވެރިކަން ދެމިގެން ދިއުމަށް އިތުރު ބާރެއްގެ ގޮތުގައި ޝައިޠާނާ ވަސްވާސްތައް ވެގެންދެ އެވެ. ކަން މިހެން ހުރިއިރު، މިއީ ވިސްނާލުން ރަނގަޅު ކަމެކެވެ. ރުޅިވެރިކަމުގެ ވަސްވާސްތަކާއި ހަސަދަވެރިކަމުގެ އަލިފާންގަނޑުން ހިތްތައް ސަލާމަތްވެގެން ހުރެ ދިރިއުޅުމަކީ އިންސާނާ އަށް ލިބޭނެ ވަރަށް މުހިންމު ނިޢުމަތެކެވެ.

ވީމާ އެއްވެސް ފަރާތަކަށް ނިޢުމަތެއް ލިބިފައިވާތީ ނުވަތަ ލިބޭތީ އެކަމަށްޓަކައި ޙަސަދަވެރިވުމުގެ ބަދަލުގައި އެކަމަށް ރުހި މާތް ﷲ ގެ ފަޟްލު ވަންތަކަން ހަނދާން ކުރަން ޖެހެ އެވެ. އަދި އެއްވެސް މީހަކަށް ދެރަގޮތެއް މެދުވެރިވެފައިވާ ނަމަ އުފާކުރުމުގެ ބަދަލުގައި އެކަމަށްޓަކައި ދެރަވެ އެކަމުން އެމީހަކު މިންޖުވޭތޯ މާތް ﷲ ގެ ޙަޟްރަތުގައި ދަންނަވަން ޖެހެ އެވެ. މިއާ ޚިލާފު ގޮތަކަށް ކަން ހިނގާނަމަ އެއިން ދަލީލުކޮށްދެނީ އަނެކާއާ މެދު ތިމާގެ ހިތުގައި ނުސާފުކަމެއް އޮންނަ ކަމެވެ.

އިންސާނާގެ ހިތަކީ އިސްލާމްދީނުގައި އެއަށް ވަރަށް ޚާއްޞަ ސަމާލުކަމެއްދޭ ގުނަވަނެކެވެ. ހިތް ސާފުކޮށް އޮތުމަށް އިސްލާމް ދީން ގޮވާލަ އެވެ. ހިތް ސާފުވުމޭ ބުނުމުން އެއިން އެ އިޝާރާތް ކުރަނީ ހަށިގަނޑުގައި އެވާ މަސްކޮޅު ސާފުވެފައި ސަލާމަތުން އޮތުމަކަށް ނޫނެވެ. އެހެނެއްކަމަކު އެއިން ދަލީލު ކުރަނީ ތިމާގެ ހިތުގައިވާ ތަފާތު އިޙުސާސްތަކާއި ޝުޢޫރުތައް ސަލާމަތުން ސާފުކޮށް އޮތުމަށެވެ. މި ސާފުކަން ހިތުގައި ނެތި ހިތް ކަޅުވެފައިވާ ނަމަ އިންސާނާ ކުރާ އެންމެހާ ހެޔޮ ކަންތައްތައް ވެސް ފަސާދަވެގެންދާނެ އެވެ.

ހިތުގައި ރުޅިވެރިކަމާއި ހަސަދަވެރިކަން ދެމިގެން ދިއުމަށް ޝައިޠާނާ މަސައްކަތް ކުރާއިރު މުސްލިމުން މިކަމަށް ވަރަށްބޮޑަށް ފަރުވާތެރިވެ ތިބެން ޖެހެ އެވެ. މިކަމުން ސަލާމަތްވުމަށް އިސްލާމް ދީނުގައި އަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކާ އެއްގޮތަށް މަސައްކަތް ކުރަން ޖެހެ އެވެ. މިގޮތުން ކީރިތި ޤުރުއާނުގަ އާއި ކީރިތިރަސޫލާ ﷺ ގެ ސުންނަތުގައި މިކަމާ ގުޅޭގޮތުން އައިސްފައިވާ އަމުރުތަކަށް ކިޔަމަންވެ ނަހީތަކުން ދުރުހެލިވާން ޖެހެ އެވެ. މިގޮތުން، އެކަކު އަނެކަކަށް ނުބައިރޭވުންތައް ރޭވުމާއި ގުޅުންތައް ކެނޑުމާއި ރުޅިވެރިކަން ބޭއްވުމާއި ޙަސަދަވެރިކަން ބޭއްވުން ކީރިތިރަސޫލާ ﷺ ވަނީ މަނާ ކުރައްވައިފަ އެވެ. އަދި އޭގެ ބަދަލުގައި މާތް ﷲ އަށް އަޅުވެތިވާ އަޚުންތަކެއް ކަމުގައި ވުމަށް އެކަލޭގެފާނު ވަނީ އަންގަވައިފަ އެވެ. (ބުޚާރީ). އަދި މުއުމިނަކު އޭނާގެ އަޚާއާ ދެމެދު ހަމަނުޖެހުމެއް ހިނގައިދިޔަ ނަމަވެސް އޭނާއާ ރުޅިވެރިކަން ބާއްވައި ވާހަކަނުދައްކައި ހުރުން އެކަލޭގެފާނު މަނާ ކުރައްވަ އެވެ. އެކަމާމެދު ވިސްނައި ފިކުރުކުރުމަށް ތިން ދުވަހުގެ މުހުލަތެއް ނެގިނަމަވެސް އެއަށް ވުރެ ގިނަ ދުވަހު އެގޮތުގައި ހުރުމަކީ މުއުމިނަކަށް ހުއްދަވެގެންވާ ކަމެއް ނޫން ކަމުގައި އެކަލޭގެފާނު ބަޔާން ކުރައްވަ އެވެ.

އެހެންކަމުން ރުޅިވެރިކަމެއް އުފެދިއްޖެ ނަމަ ތިން ދުވަސް ވުމުގެ ކުރިން ވީ އެންމެ އަވަހަކަށް ދެމީހުން ބައްދަލުކޮށް އެކަކު އަނެކަކަށް ސަލާމް ކުރަން ޖެހެ އެވެ. ހިތުގައިވާ ރުޅިވެރިކަމާއި ހަސަދައިގެ އެންމެހާ ޝުޢޫރުތައް ފޮހެލަން ޖެހެ އެވެ.

މީސްތަކުންގެ މެދުގައި ރުޅިވެރިކަމާއި ޙަސަދަވެރިކަން ނައްތާލުމަށް އިސްލާމްދީނުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ނެތި ނުބައި މޮށުމާއި ދެބައުޑުވުމާއި މީހުންގެ ސިއްރުތައް ހޯދަން މަސައްކަތް ކުރުމާއި ހަގީގަތެއް ނެތް ވާހަކަތައް ދެއްކުމާއި މިފަދަ ކަންކަން މަނާކުރައްވާފައިވެ އެވެ. މީހަކު ނުކުރާކަމެއް ނުވަތަ މީހެއްގެ ކިބައިގައި ނެތް ކަމެއްގެ ވާހަކަ ދައްކައިފި ނަމަ އެ މީހަކު އެ ބުނިކަމެއް ވެއްޖައުމަށް ދާނދެން ނަރަކައިގައި ބަންދުވެގެންވާނެ ކަމުގައި ކީރިތިރަސޫލާ ﷺ ވަނީ ބަޔާން ކުރައްވައިފަ އެވެ. (އައްޠަބަރާނީ) ދެބައުޑުވާ މީހާ އަކީ ނަރަކަވަންތަ ވެރިއެކެވެ. އެހެނީ ކީރިތިރަސޫލާ ޙަދީޘް ކުރައްވަނީ ދެބައުޑުވާ މީހާ ސުވަރުގެ ނުވައްދަވާނެ ކަމަށެވެ.

 

މަޢުލޫމާތް : ޢިލްމުވެރިންގެ ފަތުވާތަކުން