English Edition
Dhivehi Edition

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ޗެކް ރިޕަބްލިކްއާއި ދެކޮޅަށް ކުޅުނު މެޗު ތަފާތު ބޮޑު ނަތީޖާއަކުން ޕޯޗްގަލް ކާމިޔާބު ކޮށްފިއެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗު ޕޯޗްގަލް އިން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ޕޯޗުގަލް އިން އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީ މެޗުގެ 33 ވަނަ މިނެޓުގައި ރަފޭލް ލެއާއޯގެ އެހީތެރިކަމާއި އެކު ޑިއޮގޯ ޑަލޮޓް ކާމިޔާބުކުރި ލަނޑުންނެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ޕޯޗުގަލް އިން ލީޑު ފުޅާކުރިއިރު، އެޓީމަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބު ކޮށްދިނީ ބުރޫނޯ ފެނާންޑޭސްއެވެ. އޭނާ މި ލަނޑު ޖެހީ މާރިއޯ ރުއީ ގޯލުގެ ކުރިމައްޗަށް ނަގައިދިން ރީތި ހުރަސް ބޯޅައަކުންނެވެ.

ޕޯޗުގަލްއިން އެޓީމުގެ ދެވަނަ ލަނޑު ޖެހިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޗެކްރިޕަބްލިކަށް ޕެނަލްޓީއެއް ވެސް ލިބިގެން ދިޔައެވެ. މި ޕެނަލްޓީ އެޓީމަށް ލިބުނީ ޗެކްރިޕަބްލިކްގެ ކުޅުންތެރިން ޕޯޗުގަލްގެ ގޯލުގެ ކުރިމައްޗަށް ހުރަސްކުރަން ޖެހި ބޯޅައެއް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގެ އަތުގައި ޖެހުމުންނެވެ. ވީއޭއާރު ބެލުމަށް ފަހު މި ޕެނަލްޓީ ދިން ނަމަވެސް ޝީކް ފޮނުވާލި ޕެނަލްޓީ ވީ ނާކާމިޔާބެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާއި އަމާޒުނުވެ ހުރަސް ދަނޑީގައި ޖެހިފައި ބޭރަށެވެ.

މި މެޗުގައި ޕޯޗުގަލްގެ ފަހު ދެ ލަނޑު ފެނުނީ ފަހު ހާފުގައެވެ. އެގޮތުން މެޗުގެ 52 ވަނަ މިނެޓުގައި ޑަލޮޓް ޕޯޗުގަލްގެ ތިންވަނަ ލަނޑު ކާމިޔާބު ކުރިއިރު، ޕޯޗުގަލްގެ ހަތަރުވަނަ ލަނޑު 82 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ފަހު ހާފަށް ކުޅެން ނިކުތް ޖޮޓާއެވެ.

ރޭގެ މި މޮޅާއި އެކު ޕޯޗްގަލް އޮތީ ދެ ޕޮއިންޓްގެ ލީޑަކާއެކު ގްރޫޕްގެ އެއްވަނާގައެވެ. އެކަމަކު ގްރޫޕް ސްޓޭޖްގައި ޕޯޗްގަލްގެ ފަހު މެޗުގައި ވާދަކުރަން ޖެހޭނީ ސްޕެއިންއާއެވެ. އެމެޗުން ބަލިނުވެ ފަރުޖައްސާލެވިއްޖެނަމަ ޕޯޗްގަލް ސަލާމަތް ވާނެއެވެ.