English Edition
Dhivehi Edition

ވ. އާރަށް ކުށްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ ކުރާ މައްސަލާގެ އަޑު އެހުމެއް އާދީއްތަ ދުވަހަށް ތާވަލްކޮށްފިއެވެ.

މިމައްސަލައިގައި މިހާރު ކުރިއަށްދަނީ ދިފާއުން ހުށަހަޅާ ހެކިންގެ ހެކިބަސް ނެގުމެވެ. އާދީއްތަ ދުވަހުގެ އަޑުއެހުމުގައިވެސް އޮންނާނީ ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ދިފާއީ ހެއްކެއްގެ ހެކިބަސްނެގުމެވެ.

އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާއާއި ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާއެވެ. އަދި މި މައްސަލާގައި ރައްޔިތުން މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރުން ޔޫސުފް ނައީމްގެ މައްޗަށްވެސް ދައުލަތުން ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

މިމައްސަލާގައި މިހާތަނަށް ދިފާއީ ހެކިންގެ ގޮތުގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް އާއި، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް އާއި ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އަދި ޔާމީންގެ ޑްރައިވަރު އަބްދުﷲ ރަޝީދުގެ ހެކިބަސް ވަނީ ނަގާފައެވެ.

މިމައްސަލާގައި ދައުލަތުން ހުށަހެޅި ހެކިބަހުން އާރަށް ކުއްޔަށް ދިނުމުގެ މުޢާމަތަލާކީ ސީދާ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ކުރިއަށްދިޔަ މުޢާމަލާތެއްކަމަށް ހެކިވެރިން ވަނީ ވިދާޅުވެފައެވެ. އެގޮތުން ވ.އާރަށް ވަކި ބަޔަކަށް ކުއްޔަށްދިނުމަށާއި، އާރަށުގެ އަގު ކުޑަކުރުމަށް ނިންމެވީ ކުރީގެ ރައީސް ޔާމީން އަންގަވައިގެން ކަމަށް އެމަނިކުފާނުގެ ނައިބް ރައީސްކަން ކުރެއްވި އަހުމަދު އަދީބް ވަނީ ވިދާޅުވެފައެވެ.