އައްޑޫ މީދޫޫ ކައުންސިލަރ އާމިނަތު ޞާލިޙާގެ އިސްނެންގެވުމާއިއެކު އިންތިޒާމު ކޮށްގެންބާއްވާ “ޔޫސުފްނާއިބް ޤުރްއާން މުބާރާތް 2022” އިއުލާންކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިވިއެވެ.
މި އަހަރު މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2022 ނޮވެންބަރ 10 ވަނަ ދުވަހު އައްޑޫމީދޫ ގައެވެ.
މި މުބާރާތުގެ އެންމެހައި ކަންތައްތައް ބަލައި ވިލަރެސް ކުރާނީ ކައުންސިލަރ ޞާލިޙާގެ ބެއްލެވުމުގެ ދަށުން އެކުލަވާލާ ކޮމިޓީއަކުންނެވެ. އަދި މުބާރާތާއި ގުޅޭ ހުރިހާ ކަންތައްތަކެއް ހިންގައި ނިންމާނީ އެ ކޮމިޓީން ކަމަށްވެސް ކައުންސިލަރު މައުލޫމާތުދެއްވައެވެ.
އޭއޯ ނިއުސްއަށް މައުލޫމާތު ދެއްވަމުން ކައުންސިލަރ ސާލިހާ ވިދާޅުވީ މިއަހަރު މި މުބާރާތް އަމާޒު ކޮށްފައިވަނީ އައްޑޫ ހުޅުދޫ އަދި މީދޫގެ ސްކޫލު ކުދިންނަށާއި ޢާންމުންނަށް ކަމަށެވެ. ކައުންސިލަރ ސާލިހާ ވިދާޅުވީ މި މުބާރާތުގެ މަގުސަދަކީ އައްޑޫޫ ހުޅުދޫޫ އަދި މީދޫޫ ސްކޫލް ކުދިންނާއި ޢާއްމުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖައްސައި ޤުރުއާން ކިޔެވުމަށް ބާރުއެޅުމަށާއި ޤުރުއާން ކިޔެވުމުގެ ރޫޙު އާލާކޮށް، ދިރުވައި ކުރިއެރުވުމަށް މަސައްކަތްކުރުން ކަމަށެވެ.
“އަޅުގަނގަޑުގެ ގެ މަގުސަދަކީ ކީރިތި ޤުރްއާން ހިތުދަސްކުރުމާއި ތަޖްވީދުމަގަށް ގުރްއާން ކިޔެވުމަށް ހިތްވަރުދިނުން. ކީރިތި ޤުރްއާން ރައްކާތެރިކުރުމަށް މަސައްކަތްކުރުމާއި ޤާރީންނާއި ޙާފިޡުން އުފެއްދުމަށް ބާރު އެޅުމާއި ހިތްވަރު ދިނުން. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި އެކުވެރިކަން އާލާކޮށް ދެމެހެއްޓުމުގެ ރޫޙު އަށަގެނުވުން އަދި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާރުއެޅުން.” ޞާލިޙާ ވިދާޅުވިއެވެ.
މި މުބާރާތުގައި ބައިވެރި ވެވޭނީ އެ ކަމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީ “ޔޫސުފު ނާއިބް ޤުރްއާން މުބާރާތް 2022 ވިލަރެސް ކޮމިޓީއިން ތައްޔާރުކޮށްފައިވާ ފޯމް ފުރައި މުބާރާތުގައި ބައިވެރިވުމަށް އެދި ޔޫސުފު ނާއިބް ޤުރްއާން މުބާރާތް 2022 ވިލަރެސް ކޮމިޓީއަށް ހުށަހަޅައި އެ ކޮމިޓީން އެކަން ޤަބޫލު ކުރިކަން އެންގުމުން ކަމަށް އެ ކޮމިޓީން ބުނެއެވެ.
1 ސެޕްޓެމްބަރ 2022 ވަނަ ދުވަހުން ފެށިގެން މި ފޯމް މީދޫ ކައުންސިލް އިދާރާ، ހުޅުދޫ ކައުންސިލް އިދާރާ ސ.އަތޮޅު މަދަރުސާ، އަސްރިއްޔާ ޕްރީ ސްކޫލް، ނަސްރިއްޔާ ޕްރީ ސްކޫލް ޝަރީފީ ޕްރީ ސްކޫލް އަދި މީދޫ މަސާއުލްބަރުދުން ލިބެން ހުންނާނެއެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ހުށަހަޅާ ފޯމް 2022 ނޮވެންބަރ 01 ވަނަ ދުވަހުގެ ކުރިން، ވިލަރެސް ކޮމިޓީއަށް ހުށަހަޅަންވާނެ ކަމަށް އެ ކޮމިޓީން ބުނެއެވެ.