English Edition
Dhivehi Edition

އައްޑޫސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން އައްޑޫގެ ސްކޫލުތަކުގެ ދަރިވަރުންގެ މެދުގައި ބާއްވާ ‘އައްޑޫ ޤުރުއާން މުބާރާތް 1439’ ރޭ ފަށައިފިއެވެ.

ޝައުގުވެރިކަމާއެކު ފަރިތަކަންމަތީ ތަރުތީލުކޮށް ޤުރުއާން ކިޔަވަން އެނގޭ މުޖުތަމަޢުއެއް ބިނާކުރުމުގެ މަޤްސަދުގައި ކައުންސިލުން ކުރިއަށް ގެންދާ މިމުބާރާތް ކުރިއަށް ގެންދަނީ މިމަހުގެ 21 ން 23 ވަނަ ދުވަހާ ހަމަޔަށެވެ. މުބާރާތް ކުރިއަށް ދާނީ ނޫރާނީ ސްކޫލުގެ ހޯލުގައެވެ.

މިމުބާރާތުގައި އައްޑޫސިޓީގެ 11 ސްކޫލަކުން 212 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތް އަމާޒުކުރެވިފައިވަނީ އުމުރުން 7، 9، 11، 13، 16 އަދި 21 އަހަރުން ދަށުގެ އުމުރުފުރާތަކަށެވެ. ކޮންމެ އުމުރުފުރާއަކުންވެސް ސްކޫލުތަކަށް ބައިވެރި ކުރެވެނީ 8 ދަރިވަރުންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފިން އަންހެން 2 ދަރިވަރުންނާއި ފިރިހެން 2 ދަރިވަރުން، އަދި ނުބަލައި ކިޔެވުމުގެ ގޮފިން އަންހެން 2 ދަރިވަރުންނާއި ފިރިހެން 2 ދަރިވަރުންނެވެ.

އައްޑޫ ޤުރުއާން މުބާރާތުގައި ބައިވެރިވާ ކުދިންގެ ތެރެއިން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ގޮފިން އަންހެން ފިރިހެން ވަކިން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުޅި މުބާރާތުން އަންހެން ފިރިހެން ވަކިން އެއްވަނަ، ދެވަނަ، ތިންވަނައަށްދާ ދަރިވަރުން ހޮވުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން މުބާރާތުގައި ބައިވެރިވާ ސްކޫލްތަކުގެ ތެރެއިން ރަން މެޑަލް އަދި ރިހި މެޑަލް ހާސިލުކުރާ ސްކޫލުތައް ހޮވުމަށްވެސް ވަނީ ހަމަޖެހިފެއެވެ.

އައްޑޫ ޤުރުއާން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރަކު އެއްފަހަރުއެވެ. މުބާރާތުގައި ބައިވެރިވެވޭނީ އައްޑޫސިޓީއަށް ނިސްބަތްވާ ސްކޫލުތަކަށެވެ.