މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ފާތުމަތު ނަހުލާގެ އަސަރުގަދަ ލޯބީގެ ވާހަަކައަކަށް، ބަތަލާ ރިޝްމީ ރަމީޒް ޑައިރެކްޓުކޮށްފައިވާ ބޮސް ގެ ޓިކެޓް އައްޑޫގައި ވިއްކުމަށް ނަން ނޯޓުކުރަން ފެށިތާ 2 ގަޑިއިރު ނުވަނީ ޝޯ ފުލްވެއްޖެއެވެ.
ނޮވެމްބަރ މަހުގެ 16 އަދި 17 މި ދެދުވަހު އައްޑޫސިޓީގެ މަރަދޫ ބޮޑަގޭގައި ދެއްކުމަށް ތައްޔާރުވަމުންދިޔަ ޝޯއަށް ލިބެމުންދާ ތަރުހީބުގެ ސަބަބުން އިތުރު ނޮވެމްބަރ 18 ވަނަ ދުވަހުވެސް ޝޯ ބޭއްވުމަށް ވިސްނަމުން ދާ ކަމަށް އައްޑޫގައި ޝޯ އިންތިޒާމު ކުރާ ފަރާތުން ބުނެފިއެވެ.
“މިއަދު ހެނދުނު ޓިކެޓް ވިއްކުމަށް ނަން ނޯޓުކުރަން ފެށީ. މިހާރު މިވަނީ 16 ވަނަ ދުވަހުގެ ރޭގެ ޝޯގެ ޓިކެޓް މުޅިން ހުސްވެފައި. މިހާރު 17 ވަނަ ދުވަހުގެ ޓިކެޓްވެސް ހުސްވަމުން މިދަނީ. ޝޯއަށް ލިބޭ ތަރުހީބަށް ބަލާފައި 18 ވަނަ ދުވަހު އިތުރު ޝޯއެއް ބޭއްވުމަށް ވިސްނަމުން މިދަނީ” ޝޯގެ ޓިކެޓް ވިއްކުމުގައި ހަރަކާތްތެރިވާ އައްދު ބުންޏެވެ.
އައްޑޫން ޓިކެޓް ގަންނަން ބޭނުންފަރާތްތަކުން ގުޅަން ޖެހެނީ 7845584 ނުވަތަ 7414404 އަށެވެ.
ލޯބީގެ އަސަރުގަދަ ފިލްމް “ބޮސް” އަކީ ނަހުލާ އެންމެ ބުރަކޮށް މަސައްކަތް ކުރި އެއް ފިލްމު ކަމަށާއި މި ފިލްމު ވެގެންދާނީ މި އަހަރު ނުކުތް ފިލްމަތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމަށް ކަމަށް ނަހުލާ ވަނީ ބުނެފައެވެ.
ބަތަލާ ރިޝްމީ ރަމީޒް ޑައިރެކްޓުކޮށްފައިވާ ބޮސް އަކީ ބެލުންތެރިން އެންމެ ހިތްއެދޭ ގޮތަށް އެ ފިލްމު ހެދުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ފިލްމެއް ކަމަށް ނަހުލާބުނެއެވެ. އޭނާ ބުނީ އެ ފިލްމްގެ މަސައްކަތަކަށް ދިޔަ ހަތަރު މަހުގައި އެތައް “ސެކްރިފައިޒް”އެއް ކުރި ނަމަވެސް އެއީ އަގުހުރި މަސައްކަތެއް ކަމަށެވެ.
މި ފިލްމްގެ ތަރިންގެ ތެރޭގައި ފާތުމަތު އާޒިފާ (އަޒޫ)، އިބްރާހީމް ޖިހާދު (ޖިމީ)، މަރިޔަމް އައްޒަ، އަލީ އާޒިމް (ދޮންއައްޔަ) އަދި އަލީ ޝަމީލްގެ އިތުރުން އަލަށް ފިލްމީ ދާއިރާއާ ގުޅުނު މުހައްމަދު ޔުނާން ހިމެނެއެވެ.