English Edition
Dhivehi Edition

އައްޑޫވިމެންސް އެސޯސިއޭޝަން (އަވަ) އާއި ވިމެންސް އާޓް އެންޑް ކްރާފްޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވަކަމް) ގެ ޚިދުމަތްތެރިން ފާހަގަކޮށް ” ނަމޫނާ އެވޯޑް” ގެ ނަމުގައި އެވޯޑް ހަފްލާއެއް ބާއްވައިފިއެވެ.

ޗަމްޕާ ސެންޓްރަލް ގައި މިދިޔަ ބުދަދުވަހުގެ ރޭ ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވެވީ ދުންޔާ މައުމޫނެވެ.

މި ރަސްމިއްޔާތުގައި ވަނީ އަވަ އަދި ވަކަމް އަށް ފާހަގަކުރެވޭފަދަ ޚިދުމަތް ކޮށްދެއްވަވާ ހުރިހާ ފަރާތްތަކަށާއި އެސޯސިއޭޝަނުގެ އެންމެ ޚިދުމަތްތެރި ފަރާތްތަކަށް ވެސް އެވޯޑު ހަވާލުކޮށް ދެއްވަވާފައެވެ. މީގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރާ އެސޯސިއޭޝަން ތަކުގެ ތެރެއިން އަވަ އަދި ވަކަމް އަށް އެހީތެރިކަން ފޯރުކޮށްދެއްވަވާ އެހެން އެސޯސިއޭޝަން ތަކަށް ވެސް ވަނީ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން އެވޯޑު ދީފައެވެ.

އަންހެނުންގެ ތަރައްގީއާއި އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރުމަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ މި 2 އެސޯސިއޭޝަނުގެ ޚާއްޞަ އެވޯޑް އަރުވާފައިވަނީ ޑރ މަރިޔަމް ޝަކީލާއާއި ޖުވެއިރިއްޔާ ވަޖުދީގެ އިތުރުން އާމިނަތު ލީލާއަށެވެ.

“ނަމޫނާ” އެވޯޑް ދިނުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޝަރަފްވެރި މެޙްމާން ދުންޔާ މައުމޫން ވަނީ މި އެސޯސިއޭޝަނުން ރާއްޖޭގެ އަންހެނުން ކުރިއެރުވުމަށް ކުރައްވަވަމުން ގެންދަވާ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވަވާ އެކަމަށް ތައުރީފް ކުރައްވަވާފައެވެ.

“އަންހެނުން ބާރުވެރި ކުރުވުމާއި އިގްތިޞާދީ އަދި ސިޔާސީ ދާއިރާގައި އަންހެނުންގެ ހަމަހަމަކަން ހޯދުމަށް އެސޯސިއޭޝަނުން ރާއްޖޭގައި ކުރައްވަވަމުން ގެންދަވާ މަސައްކަތަކީ އެކަމަށްޓަކައި ނުހަނު އުފާކުރާ ކަމެއް. އަންހެނުން ކުރިއެރުވުމަށް ކުރަމުން މިދާ މަސައްކަތްތަކުގައި ދިމާވާ ގިނަ ގޮންޖެހުންތަކަކާ ކެރިގެން ކުރިމަތިލާ އެ ހުރަސްތައް ނައްތާލުމަކީ އަހަރެމެން ކުރަންޖެހިފައިވާ މަސައްކަތެއް. ޑރ ޝަކީލާ އާއި އަދި އެސޯސިއޭޝަނުގެ މެމްބަރުން ކުރައްވަވާ މަސައްކަތުން ހިތްވަރުގަދަ އަންހެނުންތަކެއް މުޖުތަމައަށް ނެރުމަކީ އެކަމަކަށްޓަކައި އުފާވާކަމެއް” ދުންޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެސޯސިއޭޝަނުގެ ރައީސާ ޑރ މަރިޔަމް ޝަކީލާ ވަނީ މުޖުތަމައު ތަރައްގީވެ ތަހުޒީބުވާނީ އެމުޖުތަމައުގެ ފަރުދުންގެ އަމިއްލަ އިސް ރޯލެއް އޭގައި އޮވެގެންކަމަށް ވިދާޅުވެފައެވެ. ރާއްޖޭގައި އުފެދިފައިވާ މިފަދަ އެންޖީއޯ ތަކުން މަސައްކަތް ކޮށްގެން ގައުމުގެ ކުރިއެރުމާއި ލާބައަށް ފައިދާ ހުރި ގިނަ މަސައްކަތްތަކެއް ކޮށްދެވިދާނެކަމަށާއި ހުރިހާ ކަމެއް ސަރުކާރުން ކޮށްދޭތޯ ބަލަން ތިބުމުގެ ބަދަލުގައި އަމިއްލަ ކުރިއެރުމަށް ހަމަ ކޮންމެ މީހަކުވެސް މަސައްކަތް ކުރަންޖެހޭނެ ކަމަށް ޑރ ޝަކީލާ ވިދާޅުވިއެވެ.

އަންހެނުންގެ ކުރިއެރުމަށް މަސައްކަތް ކުރުމުގެ މަގްޞަދުގައި 2015 ވަނަ އަހަރު އައްޑޫވިމެންސް އެސޯސިއޭޝަނުގެ ނަމުގައި އުފެއްދި މި ޖަމިއްޔާއިން މިހާތަނަށް ވަނީ އަންހެނުން ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ވިޔަފާރީގެ ރޮނގުގައްޔާއި ކުޅިވަރުގެ ރޮނގުން އަދި އިޖުތިމާއީ މަސައްކަތްކުރުމުގެ ރޮނގުން ގިނަ ބަޔަކު ތަމްރީނުކޮށް މުޖުތަމައަށް ނެރެދިނުމުގެ ބުރަ މަސައްކަތް މި އެސޯސިއޭޝަނުން ވަނީ ކޮށްފައެވެ.