English Edition
Dhivehi Edition

އެއްސަހަރެއްގައި ވަރަށް މުއްސަނދި ރަސްކަލަކު އުޅުނެވެ. އޭނާގެ ވެރިކަމާއި މުއްސަނދިކަމުގެ ސަބަބުން މުޅި ދުނިޔެއަށްވަނީ މަޝްހޫރުވެފައެވެ. ﷲ ދެއްވި ރަސްކަމާއި މުދާވެރިކަމާއި މަޝްހޫރުކަމުގެ ސަބަބުން ރަސްގެފާނުގެ ހިތްޕުޅު ކިލަނބުވާން ފެށިއެވެ. އަމިއްލަ ބާރާއި ނުފޫޒު އޮތްމިންވަރު ހިތްޕުޅަށްވެރިވާން ފެށިއެވެ. އަދި އެމަނިކުފާނަށްވުރެ ބާރުގަދަ ދެވަނައެއް މިހާރަކުނެތް ކަމުގެ އިހުސާސް ކުރައްވަން ފަށްޓަވައިފިއެވެ. މިފަދަ ޚިޔާލެއްގައި ހުންނަވައިގެން ވަރަށްބޮޑު ގަނޑުވަރެއް ބިނާކުރައްވަން ފެއްޓެވިއެވެ. ދުވަހަކުވެސް ފަނާނުވާނެވަރުގެ ގަނޑުވަރެކެވެ. ބަލައިފޫހިނުވާނެ ގަނޑުވަރެކެވެ. އެއްވެސް އައިބެއްނެތް ގަނޑުވަރެކެވެ. އެއްވެސް މީހަކަށް ފާޑެއްނުކިޔޭވަރުގެ ގަނޑުވަރެކެވެ. އެތައް މަސައްކަތަކަށްފަހު ގަނޑުވަރު ނިމިއްޖެއެވެ. ދެންއޮތީ ސަހަރުގެ އެންމެނަށް ގަނޑުވަރު ދައްކައިލުމެވެ. ގަނޑުވަރު ބަލަންއަންނަ މީހުންނަށް އެތަނުގައި ވަރަށްމީރު އެއްޗެހި ކައްކާފައި ހުއްޓެވެ. ގަނޑުވަރު ބެލުމުގެ ކުރިން ކޮންމެމީހަކަށްވެސް އެމީހަކު ބޭނުންވާ ވަރަށް ކާންދެއެވެ. ގަނޑުވަރު ދެއްކުން އޮންނީ އެއަށްފަހުގައެވެ. ގަނޑުވަރު ބެލުމަށްފަހު ގަނޑުވަރުން އައިބެއް ފެނުނުތޯ ރަސްގެފާނު ސުވާލު ކުރައްވައެވެ. އަދި އެއްވެސް ފާޑެއް ކިޔަން ބޭނުންނަމަ އެފުރުސަތުވެސް ދެއެވެ. ސަހަރުގެ އެންމެން ގަނޑުވަރުބަލައި ނިމުނުއިރުވެސް ބުނާނެ އެއްވެސް އެއްޗެއް ނެތެވެ. އެންމެންވެސް ދެއްކީ ގަނޑުވަރުގެ މޮޅުވާހަކައެވެ. ރީތކަމާއި ފުރިހަމަ ކަމުގެ ވާހަކައެވެ. ޑިޒައިންތަކުގެ ފުރިހަމަ ކަމުގެ ވާހަކައެވެ. ސަހަރުގެ އެންމެންނަށް ގަނޑުވަރު ދައްކައި ނިމުނުކަން ބޮޑުވަޒީރު އިއުލާން ކުރެއްވިއެވެ. އެހިނދު ރަސްގެފާނު ސުވާލުކުރެއްވިއެވެ. ދެންހަމަ އެކަކުވެސް ހަމަނެތީހެއްޔެވެ؟ ރަސްގެފާނު ވިދާޅުވިއެވެ. އަދިވެސް މީހަކުހުރިތޯ ބަލާފައި އެމީހަކު ގެންނާށެވެ. ދެންހުރީ ހަމައެކަނި ސަހަރުގެ ފަގީރުކޮއި ކަމަށް ބޮޑުވަޒީރު ދަންނަވައިފިއެވެ. އެއީ މިފަދަ ތަންތަނަށް ގެންނަން އެކަށިގެންވާވަރުގެ މީހެއް ނޫންކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. އެހެންނަމަވެސް ރަސްގެފާނު ވިދާޅުވީ އޭނާއަށްވެސް ގަނޑުވަރު ދެއްކުމަށެވެ. ސަހަރުގެ އެހެންމީހުންނަށް ނުދެއްކުނު އައިބެއް ނުކިޔުނު ފާޑެއް އޭނާއަށް ވަކިކިޔޭނީ ކީއްވެހޭ ރަސްގެފާނު ވިދާޅުވިއެވެ. ކޮންމެއަކަސް އޭނާވެސް ގެނެސްފިއެވެ. ފުރަތަމަ އޭނާ ހިތާވާ ވަރަކަށް ކާންދީފިއެވެ. އެއަށްފަހު އާދައިގެމަތިން ގަނޑުވަރު ދައްކައިފިއެވެ. އެގަނޑުވަރުގެ ރީތިކަމާއި ފުރިހަމަކުމުގެ މައްޗަށް އޭނާވެސް ހައިރާންވެ އަންތަރީސްވިއެވެ. އަދި ވަރަށް ބޮޑަށް ތައުރީފުވެސް ކުރިއެވެ. ތައުރީފު ކުރުމަށްފަހު އޭނާބުނީ ގަނޑުވަރު ކިތަންމެ ރީތިވެފައި ފުރިހަމަވިޔަސް ވަރަށްބޮޑު ދެ އައިބެއް ފެންނަ ކަމަށެވެ. އެ އަޑުއަހާފައި ރަސްގެފާނާއި ވަޒީރުން އޭނާ ދައްކަންއުޅޭ އައިބުގެ ވާހަކަ އަޑުއައްސަވަން ސަމާލުވެ ވަޑައިގެންފިއެވެ. އެތައްބަޔަކަށް ނުދެއްކުނު އައިބެއް އޭނާއަށް ފެނުނީތީ ޝައުގުވެރިކަން ބޮޑުވިއެވެ. ރަސްގެފާނުގެ އިޒުނައާއެކު އެ އައިބުތައް އޭނާ ބުނެދިއެވެ. ފުރަތަމަ އައިބަކަށް އޭނާ ދެއްކީ އެގަނޑުވަރުގެ ވެރިމީހާ (ރަސްގެފާނު) އަވަހާރަވާނެ ކަމުގެ އައިބެވެ. ދެވަނަ އައިބަކަށް ދެއްކީ ގަނޑުވަރު ހަލާކުވެ ފަނާވެގެންދާނެ ކަމުގެ އައިބެވެ. އަބަދަށް ދާއިމަށް ދިރިދެމިވޮޑިގެންވާނީ ޚައްލްގުތަކުންގެ ވެރި މާތްﷲ ކަމަށް އޭނާ ބުންޏެވެ. ފަގީރުކޮއެގެ މިވާހަކަ އަޑުއައްސަވާފައި ވިދާޅުވާނެ އެއްޗެއް ރަސްގެފާނަށް އެނގިވަޑައި ނުގަތެވެ. ފަގީރުކޮއެގެ ބަސް ހަމަތެދެވެ. ރަސްގެފާނަށް ކުރެއްވުނީ ހަގީގަތެއްނެތް ދައުވާއެއް ކަމަށް އިއުތިރާވެ ވަޑައިގެންނެވިއެވެ. އަދި ގަނޑުވަރު އެކޮޔަށް ހިނބައިން ދެއްވައިފިއެވެ. ފަގީރުކޮއެގެ ބަސް އައްސަވާފައި ﷲ އަށް ބިރުވެތިވެ ތައުބާވެ ވަޑައިގެންފިއެވެ. އެފަހުން ރަސްކަން ދޫކުރައްވައި ޖަންގައްޔަށް ވަދެވަޑައިގެންފިއެވެ. އުމުރުފުޅު ހުސްވަންދެން އުޅުއްވީ ﷲއަށް ފުރިހަމައަށް އަޅުކަން ކުރެއްވުމުގައެވެ.