English Edition
Dhivehi Edition

އައްޑޫ ސިޓީ ފޭދޫ އަވަށުގައި ޕާރކިންގ ޒޯނެއް ނެތުމުން ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން، ޕާކިން ޒޯންތައް ހެދުމުގެ މަސައްކަތްކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ ފޭދޫ އަވަށުގެ މަގުތަކުގައި ޕާރކު ކުރެވޭނެ ޖާގައެއް ނެތުމުން ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައި ދިނުމަށް ޕާރކިންގ ޒޯން ހެދުމަށް ބޭނުންވާކަމަށެވެ.

މި ޕާރކިންގ ޒޯންތައް ހެދުމަށް ބޭނުންވަނީ ކައުންސިލަށް ބިން ނުވަތަ ބިމުން ބައެއް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކާއި މަޝްވަރާކޮށް، ފޭދޫ އަވަށު އޮފީހާއި އެފަރާތްތަކާއި ދެމެދު އެއްބަސް ވެވޭ ގޮތެއްގެ މަތިން ފޭދޫގެ ހިއްކާފައިވާ ބިމުން އެކަށީގެންވާ ބިމެއް އެފަރާތަކަށް ދޫކުރުމަށްފަހުގައިކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އެހެންކަމުން ކައުންސިލަށް ބިން ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 25 ސެޕްޓެންބަރު 2022ވާ އާދީއްތަދުވަހުގެ 14:00ގެ ކުރިން 7789044 ނަންބަރަށް މެސެޖުކޮށް އޮފީހުގައި ނަންނޯޓު ކުރުމަށް ކައުންސިލުންވަނީ އެދިފައެވެ. އަދި މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ނަންބަރު6892018 ފޯނަށް ގުޅުމަށްވެސް ކައުންސިލުން ވަނީ އެދިފައެވެ.

އައްޑޫ ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތްކުރަމުން އަންނައިރު، ބައެއް އަވަށްތަކުގައި ޕާކިން ޒޯންތައް ނެތް މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.