ރާއްޖޭގެ އުތުރާ ދެކުނުގައި ފަތުރުވެރިކަން ފުޅާނުވެ އޮތުމުގެ ބައިވަރު ސަބަބުތައް އެބަހުރި ކަމަށް މޯލްޑިވްސްް އިންޓަގްރޭޓެޑް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ރާއިދު ވިދާޅުވެއްޖެއެވެ.
“ރާއްޖެ ޓީވީ” ގެ ފަލަސުރުޚީގައި ވާހަކަދައްކަވަމުން ރާއިދު ވިދާޅުވީ ރާއްޖޭގައި މިހާރު ހުރި ޓޫރިސްޓް އެނދުގެ ތެރެއިން 79 އިންސައްތަ އަކީ މާލެއާ ގާތްގަޑަކަށް ދެ ގަޑިއިރުގެ ރޭޑިއަސްގެ ތެރޭގައި ހުރި އެނދުތައް ކަމަށާއި މި ސަރަހައްދުގައި މިހާގިނަ އަދަދެއްގެ އެނދުތައް ހުރިއިރު ރާއްޖޭގެ އުތުރާ ދެކުނުގައި ފަތުރުވެރިކަން ފުޅާނުވެ އޮތުމުގެ ސަބަބުތައް ބައިވަރު ކަމަށެވެ.
ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރާއިދު ވިދާޅުވީ މާލެ ސަރަހައްދުގައި ރިސޯޓުތައް ހަދައި ފަތުރުވެރިކަން ތަރައްގީ ކުރަމުން އައިއިރު ޓެކްސް ނުނަގާ ކަމަށާއި އެފަދަ އިންސެންޓިވްތައް ދީގެން އެހެން ސަރަހައްދުތަކުގައި ވެސް ފަތުރުވެރިކަން ފުޅާ ކުރެވޭނެ ކަމަށެވެ. އެގޮތުން، ޓެކްސްގެ ލުއިތަކެއް ވެސް ސަރުކާރަށް ވަކި މުއްދަތަކަށް ދެވިދާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ. މިގޮތަށް އުސޫލުތައް ބަދަލު ކުރެވިއްޖަނަމަ އުތުރާއި ދެކުނަށް ވެސް އިންވެސްޓަރުން ލިބޭނެ ކަމަށް ރާއިދު ވިދާޅުވިއެވެ.
ރާއިދު ފާހަގަ ކުރެއްވި ގޮތުގައި ދަތުރުފަތުރުގެ މައްސަލައަކީ ވެސް ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ތަރައްގީނުވުމުގެ ސަބަބެކެވެ. މިކަން ހައްލު ކުރުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އާރުޓީއެލްގެ ޚިދުމަތަކީ ރަނގަޅު ޚިދުމަތެއްކަން ރާއިދު ފާހަގަކުރެއްވިއެވެ.