English Edition
Dhivehi Edition

ރައްޔިތުންނަށް ލިބިފައިވާ ބާރުތައް އަނބުރާ ނުނެގޭގޮތަށް ނިޒާމު ފުރިހަމަކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އެ ނިޒާމުން ރައްޔިތުންނަށް ލިބޭ ބާރުތަކުން ލިބޭ ފައިދާތަކުގެ މައްޗަށް ބައްލަވާލައްވާފައެވެ.

“ހުރިހާ ކައުންސިލްތަކުން މިހާތަނަށްވެސް ފާހަގަކުރައްވާ އެއްކަމަކީ، ލިބޭ ބްލޮކް ގްރާންޓްގެ އަދަދު، ނުވަތަ މިންވަރުގެ ފަރަގު. ބޭނުންވާ ވަރާ، ލިބޭ މިންވަރުގާ ހުރި ތަފާތު. ގްރާންޓް ދޫކުރާ ފޯމިއުލާއަށް ބަދަލުތަކެއް ގެނައުމުގެ ހުށައެޅުންތައް މިބައްދަލުވުމުގެ މޭޒަށް އަންނާނެ. މިހުށައެޅުން ތަކަށް ތިޔަބޭފުޅުންގެ ޚިޔާލާ މަޝްވަރާ ކޮންމެހެން ބޭނުންވޭ. މިކަމުގާ ތިޔަބޭފުޅުންގެ ބިނާކުރަނިވި، އީޖާބީ ވިސްނުން، އިސްކުރައްވާނެ ކަމާމެދަކު އަޅުގަނޑު ޝައްކެއް ނުކުރަން. މީގެއިތުރަށްވެސް، ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކާމެދު ބަހުސް ކުރެވި، ނިންމުންތަކަކަށް ވާޞިލުވެވޭނެކަމުގައި އަޅުގަނޑު ދެކެން” ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަ ކޮންމެ ކޮންފަރެންސަކުން ވެސް ހާޞިލުކުރަން އެދޭ މުހިންމު އަމާޒުތަކެއް ހުންނާނެކަމަށާއި އަދި ހޯދަންޖެހޭ ނަތީޖާތަކެއް ވެސް އެބަހުރިކަމަށެވެ. އަދި ކައުންސިލްތަކުގެ ހިންގުމާއި ރަށުގެ ތަރައްޤީއާއި އިޖްތިމާޢީ ހުރިހާ ކަމެއްގައި އަންހެނުންގެ ބައިވެރިވުމާއި ޝާމިލްވުން އަދިވެސް ވާންޖެހެނީ ބޮޑުކަމަށެވެ.

މީގެ އިތުރުން އަންހެނުންގެ ދައުރު ކުޑަކޮށް ތަރައްޤީ ނުގެނެވޭނެކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މީގެކުރިން ބޭއްވި ވިއަވަތި ކޮންފަރެންސްތަކުން ރަނގަޅު ނަތީޖާތަކަކާއި ކުރިއެރުންތަކެއް ލިިބިފައިވާކަމަށެވެ. އަދި މިއީ ޤައުމީ ފެންވަރުގާ ކަންކަމާމެދު މަޝްވަރާކޮށް ގޮތްތަށް ނިންމުމަށް ލިބޭ ފުރުޞަތެއްކަމަށާއި ރާއްޖޭގެ ތަރައްޤީގެ ކަންކަން ވިލަރެސް ކުރުމުގައި މިކޮންފަރެންސްގެ ނިންމުންތަކަށް ރިޢާޔަތް ކުރެވި، އެއަށް ޢަމަލީ ސިފަ އަންނާކަން ޔަގީންކަމަށެވެ.