މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާންގެ ކެމްޕެއިން ވައުދާއި އެއްގޮތަށް ގދ. މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ އަޕްގްރޭޑްކުރުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފިއެވެ.
2016 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމުގައި ފުރަތަމަ ފަހަރަށް މި ކޯޒްވޭ ހަދާ ނިންމާފައިވާއިރު ކޯޒްވޭގެ ސަބަބުން ދެރަށުގެ ރައްޔިތުންނަށާއި ރަށާއި އެކި އެކި މުދަލަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.
19 ވަނަ ރައްޔިތުންގެ މަޖްލީހުގެ އިންތިހާބުގެ ކެމްޕެއިންގައި މަޑަވެލި ދާއިރާގެ މަޖިލިސް މެމްބަރު ހުސައިން ފިރުޝާން އެންމެ ބޮޑު ވައުދަކަށް ވެފައި ވަނީ މަޑަވެލި ހޯނޑެއްދޫގެ ރައްޔިތުންގެ އާދޭހާއި އެއްގޮތަށް ދެރަށުގެ ރައްޔިތުންނަށް ޒަމާނީ ފެންވަރުގެ ކޯޒްވޭއެއް އަޅައިދޭނެ ކަމުގެ ވައުދެވެ.
“އަޅުގަނޑު ޔަގީންކޮށް އަރުވަން، މިފަހަރު ވެލިބެޑެއް ނާޅާނެ. އަދި ދެރަށަށް މިހާރު އޮތް ކޯޒްވޭގެ ސަބަބުން ދިމާވާ ތިމާވެށީގެ މައްސަލަތަކަށް މި ޕްރޮޖެކްޓުގެ ސަބަބުން ހައްލު ލިބިގެންދާނެ.” ފޭސްބުކް ޕޯސްޓެއްގައި އެމް ޕީ ފިރުޝާން ބުނެފައިވެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި 2021 ވަނަ އަހަރު ހަވާލުކުރެވުނު މިމަސައްކަތުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު މިއަދު ހަވީރުގެ ވަގުތެއްގައި ވަނީ ހޯނޑެއްދޫއަށް ގެންގޮސްފައެވެ.