English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް މީޑިއާ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 260 އަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފިއެވެ.

ފުލުހުން ބުނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، 260 އަށްވުރެ ގިނަ މަސްތުވާތަކެތި މިއަދު ދޫނިދޫގައި ނައްތާލާފައިވާކަމަށެވެ.

ފުލުހުން ނައްތާލާފައިވަނީ އެކި މައްސަލަތަކުގައި 2021 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މިހާތަނަށް ނައްތާނުލެވިހުރި 264.93 ކިލޯގެ މަސްތުވާތަކެއްޗެވެ. އެގޮތުން މިއަދު ނައްތާލާފައިވަނީ މަސްތުވާތަކެތި ހުރި 10888 ރަބަރު ޕެކެޓާއި، 4285 ސެލޯފިންކޮޅާއި، 246 ފިލްމު ހުސްކުރިދަޅެވެ. އަދި 130 ބުލެޓާއި، 40 ބިޑީގެ އިތުރުން 6359 ބޭސްގުޅައެވެ.

މީގެ އިތުރުން މަސްތުވާތަކެތި ބަންދުކުރުމަށާއި މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ތަކެއްޗާއި އެހެނިހެން އައިޓަމްގެ ގޮތުގައި 4559 ނައްތާލާފައިވެއެވެ.

ފުލުހުން ބުނީ މި ތަކެތި ނައްތާލާފައިވަނީ މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ ތަކެއްޗާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން، ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން މީޑީއާ އަދި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވި މީހުންގެ ހާޒިރުގައިކަމަށެވެ.