English Edition
Dhivehi Edition
ހިތަދޫ މެދެއާރި ކިޅީގައި ރޯވެފައި

އައްޑޫސިޓީ ހިތަދޫ މާ ކިޅި ސަރަޙައްދުގައި އަލިފާން ރޯވެ އަނދަން ފަށައިފިއެވެ. މިއަދު ހަވީރު ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ މިހާރުވަނީ ވަރަށް ބޮޑަށް ފެތުރިގެން ގޮސްފައެވެ. އެ ސަރަހައްދުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.

މިމައްސަލައާއި ގުޅިގެން އެމްއެންޑީއެފް އިން ވިދާޅުވީ، ހިތަދޫ ބޮޑުމަގު ވަށް ބުރުކައިރި ވަލުތެރޭގައި ހުރި ގަސްތަކެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ

އެ ހާދިސާގެ ރިޕޯޓް އެންއެންޑީއެފަށް ލިބުނީ މިއަދު 17:25 ހާއިރުއެވެ.

މި ކުޅި އޮންނަނީ އާންމުން ދިރިއުޅޭ ސަރަޙައްދުގެ މެދުގައި ކަމަށްވެފައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްވެސް ހުންނަނީ މި ސަރަޙައްދުގައެވެ. ރޯވެފައިވާ އަލިފާންގަނޑު ބޮޑުވެ އެހިސާބުގަނޑުގައި ހުރި ގޭގެއަށާއި ތަންތަނަށް ދަނީ ދުމުގެ އަސަރު ކުރަމުންނެވެ.

މިއަލިފާންގަނޑު ނިއްވުމަށް ފުލުހުންނާއި އެމްއެންޑީއެފް އަދި ރެޑްކްރެސެންޓުން އެހިސާބުގައި ޙަރަކާތްތެރިވަމުން ދިޔަ ނަމަވެސް އަލިފާންގަނޑު އަދި ދަނީ ކޮންޓްރޯލް ނުވެ ފެތުރެމުންނެވެ. މިކަމަށް ގިނަ މީހުންނާއި ވަސީލަތް ބޭނުން ވުމުގެ އިތުރުން އިރުއޮއްސި އަނދިރި ވެފައިވުމުން އަލިފާން ނިއްވުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ.

މީގެ ކުރިންވެސް މިކުޅީގައި އަލިފާނުގެ ޙާދިސާއެއް ހިނގާފައިވެއެވެ. އެފަހަރުވެސް އަލިފާން ނިއްވުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރުމުން އަލިފާން ނިއްވާލެވުނީ ރޯވިތާ 12 ގަޑި އިރު ފަހުންނެވެ. އެޙާދިސާގައި އެސަރަޙައްދު ގެ ބޮޑުބައެއް ވަނީ އަނދައިގެން ގޮސްފައެވެ. މިފަހަރުގެ ޙާދިސާ މިހިނގީ ފެބްރުއަރީގެ ޙާދިސާއަށް ފަހު ކުޅީގައި އަލުން ގަސްތައް ރޯވެ އާރޯވެފައިވަނިކޮށެވެ. މިފަދަ ކޮންމެ ޙާދިސާއަކުން ކުޅިއާއި ގުޅިފައިވާ ދިރުންތަކާއި ގަސްގަހާ ގެއްސަށާއި މާޙައުލަށް ފޫނުބެއްދޭވަރުގެ ގެއްލުންތައް ކުރިމަތިވެއެވެ.