English Edition
Dhivehi Edition

އޮގަސްޓް މަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 131،863 ފަތުރުވެރިންކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ އޮގަސްޓް މަހު 131،863 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މާޗް މަހުގައެވެ. އެމަހު ރާއްޖެއަށް 150،748 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ފެބްރުއަރީ މަހުގައެވެ. އެމަހު 149،008 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އޭޕްރީލް މަހު 145،280 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، އިންޑިއާއިންނެވެ. އެއީ 153،204 ފަތުރުވެރިންނެވެ. އަދި 132،208 ފަތުރުވެރިންނާއެކު ދެވަނާގައި އޮތީ ރަޝިއާއެވެ. އަދި ތިން ވަނާގައި އޮތް އިނގިރޭސިވިލާތެއެވެ. އެއީ 122،871 ފަތުރުވެރިންނެވެ. އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ލިސްޓުގައި ދެން ހިމެނެނީ ޖަރުމަނުވިލާތް، އިޓަލީ، އެމެރިކާ، ފްރާންސްގެ އިތުރުން ސައުދީ އަރަބިއްޔާ، ސްޕެއިން އަދި ސްވިޒަލޭންޑެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1،185 ތަނަކަށް ވަނީ ހުއްދަ ދީފައެެވެ. މީގެތެރެއިން މިހާރު ފަތުރުވެރިންނަށް ހިދުމަތްދެމުންދަނީ 1،179 ތަނަކުންނެވެ. އެއީ 164 ރިސޯޓާއި، 859 ގެސްޓްހައުސްގެ އިތުރުން 156 ސަފާރީއެވެ.

ފަތުރުވެރިންނަށް ހިދުމަތްދިނުމަށް ޖުމްލަ 1،179 ތަނެއް އޮޕަރޭޓްކުރަމުންދާއިރު، މިއީ 58،373 ބެޑް ކެޕޭސިޓީއެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1،078،635 އަށް އަރާފައިވާއިރު، ސަރުކާރުން އަންދާޒާކުރާގޮތުގައި މިއަހަރު 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެކަމަށެވެ. .