English Edition
Dhivehi Edition

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މަޖިލިހަށް ހުށަހެޅުއްވި 3 ބޭފުޅުންނަށް 90 ޕަސެންޓަށް ވުރެ މަތީ ޕަސެންޓު މާކުހާއެކު ކޮމެޓީން ރުހުން ދެއްވައިފިއެވެ. އެލްޖީއޭގެ ބޯޑަށް ނަން ހުށަހެޅުއްވި 3 ބޭފުޅުންނަކީ ގއ .ކަނޑުހުޅުދޫ ހެޕީކޯނަރ އާމިރު އަލީއާއި ސ.ހިތަދޫ ފަރުދާ ބަގީޗާގެ އަޙްމަދު ޙަސަން(ޗާނދަލިއާ އަޙްމަދު )ގެ އިތުރުން ފ.ނިލަންދޫ ހަތިކޮޅު، މިންނާއެވެ. އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވީ ނިމިދިޔަ ދައުރުގައި ވެސް އެލްޖީއޭގެ ބޯޑު މެމްބަރުކަން ކުރެއްވީ އާމިރު އަލީއަށެވެ. އާމިރަކީ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. 92.4 ޕަސެންޓް މާކްސް އާއެކު 2 ވަނަ އަށް އެންމެ ގިނަ މާކުސް ހޯއްދެވީ އަޙްމަދު ޙަސަނެވެ. އަހުމަދު ހަސަނަކީ މަދަނީ ޖަމިއްޔާއެއް މެމްބަރެކެވެ. މިންނާއަށް ލިބިލެއްވީ 92.0 ޕަސެންޓް މާކުހެވެ. މިންނާއަކީ ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ކަނބަލެކެވެ. އެ ތިން ބޭފުޅުންނަށް މަޖިލީހުން ރުހުން ދިނުމުގައި ބަލާފައި ވަނީ ކޭޕަބިލިޓީ އާއި އެކްސްޕީރިއަންސާއި ލީޑާޝިޕް އަދި ވިޜަން އާއި ނަޒާހަތްތެރިކަމާއި ހާސިލުކޮށްފައިވާ ތައުލީމީ މަސައްކަތަށެވެ. އެލްޖީއޭގެ ބޯޑަށް އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ހުށަހެޅުއްވި ތިން ނަންފުޅަށް ކޮމެޓީން ރުހުން ދިނުމަށްފަހު، ކޮމެޓީ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ވަނީ ފޮނުވާފަ އެވެ. އެ ބޭފުޅުން މަގާމަށް އައްޔަން ކުރެވޭނީ، މަޖިލީހުގެ ތަޅުމުން އެ ނަންތައް ފާސްކުރުމުންނެވެ.