English Edition
Dhivehi Edition

މަސްވެރިކަމުގެ ލައިސަންސަށް ނަގާ ފީ ކުޑަކޮށްފިއެވެ. މި ފީ ކުޑަކޮށްފައި ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ގެޒެޓްކޮށްފައިވާ ކަނޑުމަހުގެ މަސްވެރިކަން ހިންގައި، ބެލެހެއްޓުމާއި ގުޅޭ އައު ގަވާއިދުގައެވެ.

ކަނޑުމަހުގެ މަސްވެރިކަން ހިންގައި، ބެލެހެއްޓުމާއި ގުޅޭ ގަވާއިދުގެ ދަށުން ފިޝަރީޒް މިނިސްޓްރީން ހާސިލްކުރަން ބޭނުންވާ މަޤްސަދުތަކުގެ ތެރޭގައި، ރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމުގެ ފައިދާ ދިގު މުއްދަތަކަށް، ދިވެހި ރައްޔިތުންނަށް ލިއްބައިދިނުމަށްޓަކައި، ކަނޑުމަހުގެ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ރާވައި، ހިންގައި، ބެލެހެއްޓުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލުތައް ވަނީ ބަޔާންކޮށްފައެވެ.

މީގެއިތުރުން ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭނުގައިވާ ކަންކަން ތަންފީޒްކުރުމާއި، ކަނޑުމަހުގެ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށް ލައިސަންސް ދިނުމާއި ގުޅޭ ކަންކަން ކަނޑައެޅުމުގެ އިތުރުން ކަނޑުމަހުގެ މަސްވެރިކަން މޮނިޓަރކޮށް، ކޮންޓްރޯލްކުރުން މި ގަވާއިދުގައި ހިމެނެއެވެ.

މި ގަވާއިދުގައި ބުނާގޮތުން މަސްވެރިކަމުގެ ލައިސަންސް ދޫކުރަނީ، މަސްވެރިކަން ކުރާ ބާވަތަށާއި އުޅަނދުގެ ބޮޑު މިނަށް ބަލާފައެވެ. އަދި ކަނޑުމަސް ޕްރޮސެސްކުރާ ފަރާތްތަކުން ލައިސެންސް ނަގަންޖެހެނީ އެތަނަކުން ދުވާލަކު ޕްރޮސެސް ކުރެވޭ މިންވަރެއްގެ މަތީންނެވެ.

މަސްވެރިކަން ކުރާ އުޅަނދުފަހަރުން ފީ ނަގަނީ އެ އުޅަނދެއްގެ ކުޑަ ބޮޑުމިނަށް ބެލުމަށްފަހުއެވެ. އަލަށް ގެޒެޓްކޮށްފައިވާ ޤާނޫނުގައި ވާގޮތުން މަސްވެރިކަމުގެ ލައިސަންސަށް ނަގާ ފީ ކުޑަކޮށް މިކަމުން މަސް ދޯނިފަހަރަށް ވަނީ ލުއިކޮށްދީފައެވެ.

ގަވާއިދުގައި މިހާރު ވާގޮތުން ނަމަ ވަކިވަކިން ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމާއި ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަން ކުރާ އުޅަނދު 49 ފޫޓަށްވުރެ ކުޑަ ނަމަ 01 އަހަރުދުވަހުގެ މުއްދަތަކަށް ނަގާނީ 500 ރުފިޔާއެވެ. އަދި 49 ފޫޓަށްވުރެ ބޮޑު ނަމަ ނަގާނީ 1500 ރުފިޔާއެވެ. އަދި މި 02 ބާވަތުގެ މަސްވެރިކަން ކުރާ އުޅަނދުގެ އަގުން 01 އަހަރުދުވަހުގެ މުއްދަތަކަށް 49 ފޫޓުން ކުޑަ އުޅަނދެއް ނަމަ ނަގާނީ ހަމަ އެއް އަގެކެވެ. ނަމަވެސް 49 ފޫޓަށްވުރެ ބޮޑުނަމަ ނަގާނީ 1800 ރުފިޔާއެވެ.

އެކްސްޕޯޓްކުރާ ފަރާތްތަކަށް ވިއްކުމަށް ވަދުނަނުގެ މަސްވެރިކަން ކުރާ އުޅަނދުފަހަރަށް 02 އަހަރުގެ މުއްދަތަކަށް 49 ފޫޓަށްވުރެ ކުޑަ ނަމަ ނަގާނީ 250 ރުފިޔާއެވެ. އަދި 49 ފޫޓަށްވުރެ ބޮޑުނަމަ ނަގާނީ 500 ރުފިޔާއެވެ.

ކުރިން އޮތް ގޮތުންނަމަ 45 ފޫޓުން ދަށް ނަމަ އުޅަނދުން ނަގާނީ 600 ރުފިޔާއެވެ. 45 ފޫޓުން ފެށިގެން 65 ފޫޓާއި ހަމައަށްދާ އުޅަނދުން ނަގާނީ 1200 ރުފިޔާއެވެ. 65 ފޫޓުން 85 ފޫޓާއި ހަމައަށްދާ އުޅަނދުން 1800 ރުފިޔާ ނަގާއިރު 85 ފޫޓުން މަތީގެ އުޅަނދުން ކުރިން ނަގާނީ 3600 ރުފިޔާއެވެ.

މިގެނައި ބަދަލުތަކާއި ގުޅިގެން ހުރިހާ ބާވަތެއްގެ މަސްވެރިކަމުން ނަގާ ފީއަށް ވެސް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ. އަދި ބައެއް ދާއިރާތަކުގެ މަސްވެރިކަމުން ކުރިން ދައްކަމުން އައި ފީއަށްވުރެ މިހާރު ދައްކަމުން އައި ފީވަނީ %58 ކުޑަވެފައެވެ. އޭގެތެރެއިން އެއް ބާވަތަކީ ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ 85 ފޫޓުގެ އުޅަނދުތަކެވެ. ކުރިން 3600 ރުފިޔާ ދައްކަން ޖެހޭއިރު މިހާރު މި ބާވަތުގެ އުޅަނދުތަކުން ދައްކަން ޖެހެނީ 1500 ރުފިޔާއެވެ.

މަސްވެރިކަން ކުރުމުގެ ލައިސަންސް ފީތަކަށް ގެނައި ބަދަލަކީ، މިނިސްޓްރީގެ ފަރާތުން މަސްވެރިކަމާއި ގުޅުންހުރި ސިޔާސަތުތައް އެކަށައެޅުމަށް މަސްވެރިންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ބޭއްވުނު ބައްދަލުވުންތަކާއި ފޯރަމްތަކުގައި މަސްވެރިންގެ ފަރާތުން ފާޅުކޮށްފައިވާ ހިޔާލާއި މަޝްވަރާ އާއި އެއްގޮތައް މިނިސްޓްރީގެ ފަރާތުން ގެނެސްފައިވާ ބަދަލުތަކެއްކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.