އައްޑޫސިޓީގައި ވައްކަން ކުރުމާއި ފޭރުން ގިނަވެ ރައްޔިތުން ގެ ކަންބޮޑުވުން އިންތިހާ ދަރަޖައަށް ގޮސްފިއެވެ. ކޮންމެ ދުވަހަކު ހެނދުނު އިރުއަރާއިރު ސޯޝަލް މީޑިއާއިން ފެނިގެން ދަނީ ކޮންމެވެސް މީހެއްގެ ގެއިން ވައްކަންކޮށްގެން ތަކެތި ގެއްލިގެން އުޅޭކަމުގެ ޚަބަރެވެ. އޭސީ އައުޓްޑޯ ޔުނޓް ތަކާއި ސައިކަލާއި ހިފައިގެންގުޅޭ ސާމާނާއި ދަގަނޑާއި ނަރާއި މިހެން ގޮސް އަތު ޖެހުނު ކޮންމެ އެއްޗެކެވެ. ބައެއް މީހުން ދަގަނޑާއި ނަރާއި ވަގަށް ނަގައި އައްޑޫން މާލެދާން ފުރާ ބޯޓުތަކަށް ލާ ވިއްކާ މައްސަލަވެސް އެހާމެ ބޮނޑެވެ. ރޭނގަޑު ނިދާފައި ހޭލާއިރު ކޮޓަރިން ބޭރުގައި ބަހައްޓާފައި ހުންނަ އޭސީގެ އައުޓްޑޯ ޔުނިޓް ހުންނާނެ ކަމުގެ އުއްމީދެއް ނޯވެއެވެ.
” ރޭ ސައިކަލެއްގެ ކަވަރުތަކެއް ހިފައިގެން ދިޔަ މީހަކު ޝައްކު ކުރެވިގެން ހުއްޓުވާާ ބެލިބެލުމުން އޭގައި އިން ރެޖިސްޓްރޭޝަން ސްޓިކާ އިން ލިބުނު މައުލޫމާތުން ވެރި ފަރާތަށް ގުޅުމުން އެނގުނީ ސައިކަލެއް ގެއްލިފައިވާކަން , ހައްޔަރު ކުރިމީހާގެ ފަރާތުން ލިބުނު މައުލޫމާތުން ހިތަދޫ ކޯސްޓަލް އޮޓޯ ގަރާޖް ބަލާ ފާސްކުރި ސައިކަލް ހުރީ އެތަނުގަ ކަވަރު ނައްޓާފަ . ގަރާޖް ތަކުން ވަރަށް ބޮޑަށް ސަމާލުވާންޖެހޭ މިގޮތަށް ގެނެވޭ ސައިކަލް ތަކަކީ ވެރިފަރާތުގެ ބަސް އޮވެގެން ނުވަތަ ވެރިފަރާތުން ގެނެސްދޭ އެއްޗެއްތޯ” ސޯޝަލް މީޑިއާގައި މީހަކު ލިޔެފައިވެއެވެ.
ގޭގޭގެ ތިޖޫރީ ތަކާއި މޮބައިލް ފޯނާއި އިލެކްޓްރޯނިކްސް ސާމާނު ގެއްލޭ މިންވަރު މިފަހަކަށް އައިސް ގިނަވެފައިވާއިރު ފުލުހުން ދަނީ އެކަންތައްތައް ހުއްޓުވޭތޯ މަސައްކަތް ކުރަމުންނެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު އައްޑޫގައި ޤާއިމްކޮށްފައިވާ ތިން ޕޮލިސް ސްޓޭޝަންގެ ތެރެއިން ހިތަދޫ ސްޓޭޝަނަށް މިފަދަ މައްސަލަ ހުށަހެޅޭ މިންވަރު ފާއިތުވި ދެމަހުވަނީ އިތުރުވެފައެވެ. އަދި މިފަހަކަށް އައިސް ވައްކަން ކުރާ ގަޑިތަކާއި ގޮތްތަކަށް ވެސް މިވަނީ ބަދަލު އައިސްފައެވެ. ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ޖުލައި މަހު ހިތަދޫ ޕޮލިސްއަށް ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ 5 މައްސަލައެކެވެ. ނަމަވެސް ހަމަ މިއަހަރު ޖުލައި މަހު އެކަނި ހިތަދޫ ސްޓޭޝަނަށް 13 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.
ދާދިފަހުން ހިތަދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖަކަށް ބަދަލު ކުރެވުނު ސްޓޭޝަން އިންޗާޖު އަބްދުﷲ އިބްރާހިމް، (ޑީޑީ) ވިދާޅުވީ އައްޑޫގައި ވައްކަން ކުރާ މިންވަރު ގުޅިފައިވަނީ މަސްތުވާތަކެއްޗާއި ކަމަށެވެ. މީގެ އިތުރުން ފާއިތުވި އެއް އަހަރު ދުވަހަށް ބަލާއިރު ތަކުރާރުކޮށް ކުށް ކުރާ މީހުންގެ ތެރެއިން 160 މީހުން އަނބުރާ އެކި ސަބަބުތަކާއި ހުރެ މުޖްތަމަޢަށް ދޫވެގެން ގޮސްފައިވާ ކަމަށް ޑީޑީ ވިދާޅުވިއެވެ.
ޑީޑީ ވިދާޅުވީ 2021 ވަނަ އަހަރު އޯގަސްޓް މަހުން ފެށިގެން 2022 ވަނަ އަހަރު އޯގަސްޓް މަހާއި ދޭތެރޭ، ގާތްގަނޑަކަށް 160 މީހަކު ޖަލުން އެކި ސަބަބު ތަކާއި ހެދީ ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެއްބައި މީހުން ޕެރޯލް ދަށުން، އަނެއްބައި މީހުން އެމީހުންނަށް ކޮށްފައިވާ ހުކުމް ނިމުމުގެ ސަބަބުން، އަދި ހަމައެއާއެކު އަނެއްބައި މީހުންނަށް ކުރެވުނު ޝަރީއަތުގެ ތެރެއިން މައްސަލަ ސާބިތު ނުވުމުގެ ސަބަބުން ދޫކޮށްލާފައިވާ ކަމަށެވެ. މީގެ ތެރޭގައި ރިޕީޓެޑް އޮފެންޑާސް ވަރަށް ގިނަކަމަށާއި ފާހަގަ ކުރެވިފައި އޮތީ ރަށުތެރޭގައި މިހިނގާ މާރާމާރީއާއި ވައްކަމުގައި މިފަރާތްތަކުގެ ޝާމިލްވުން އޮތްކަން ކަމަށް ޑީޑީ ވިދާޅުވިއެވެ.
އައްޑޫސިޓީ ޕޮލިސް އިން ވިދާޅުވީ މިކަން ހައްލުކުރެވޭނީ ރައްޔިތުންގެ އެއްބާރުލުންވެސް ފުލުހުންނަށް ލިބިގެން ކަމަށާއި އަދި މިފަދަ ކުށްތަކަށް އަމާޒުކޮށް ޚާއްސަ އޮޕަރޭޝަންތައް މިހަފްތާ ތެރޭ ފަށާނެ ކަމަށެވެ.