މާލޭގެ ފިހާރައަކުން ފުޅާދާއިރާއެއްގައި ބަނގުރަލާއި ޕާޓީ ޑްރަގްސް ވިއްކަނިކޮށް އަތުލައިގެންފިއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން ބުނީ މާލޭގެ ފިހާރައެއްގައި ބަނގުރަލުގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، ޑްރަގް އެންފޯސްމަންޓުން މިމަހު 30 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި 45 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ.
ހައްޔަރު ކުރި މީހާގެ ފިހާރަ ބަލައިފާސްކުރިއިރު 69 ފުޅި ބަނގުރަލާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ފުޅިއާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި ޕާޓީ ޑްރަގް ކަމަށް ބެލެވޭ ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއްނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހު މުއްދަތު ދީފައިވެއެވެ.