އިންތިގާލީ ސަރުކާރެއްގެ ވާހަކަ ދައްކާ މީހުންގެ ބޭނުމަކީ ކޮބައިކަން މިއަދު ރައްޔިތުންނަށް އެނގޭކަމަށާއި އިންތިގާލީ ވާހަކަ ދައްކާމީހުންނާއި އަދި ގައުމަށްހެޔޮއެދިގެން ރައްޔިތުންގެ ލާބައާއި މަންފާއަށް ވާހަކަ ދައްކާމީހުން މިއަދު ރައްޔިތުންނަށް އެނގޭކަމަށް ޕީޕީއެމްގެ ނާއިބްރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރ. އަތޮޅު މީދޫގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މިއަދު މިދެކޭ ހެޔޮ ރަނގަޅު ވެރިކަން ﷲ މިންވަރު ކުރެއްވީމާ އެވެރިކަމާއި ދޭތެރެ އުރެދި ނުގަނެ އެކަމާދޭތެރެ ރަނގަޅަށްވިސްނާ ފިކުރު ހިންގަންޖެހޭކަމަށެވެ. އަދި ސަރުކާރަށް ދެވެންއޮތް ހުރިހާ އެއްބާރުލުމެއްދީގެން ވެރިކަން ދެމެހެއްޓުމަކީ އިންސާނީ،ގައުމީ އަދި ދީނީ އުސޫލުން ބެލިއަސް ކުރަންޖެޙޭނެ ކަމެއްކަމަށެވެ.
އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ކައިރި މާޒީ އާއި ދުރު މާޒީއަށް ވިސްނާ ބަލާއިރު ރާއްޖޭގެ ވެރިކަން ކުރައްވާފަ ތިއްބެވި ބޭފުޅުން ކަންތައް ކުރައްވާފައިވާގޮތާއި ރައީސް ޔާމީން ކަންކަން ކުރައްވަމުންގެންދަވާ ގޮތްވެސް މިއަދު ރައްޔިތުންނަށް އެނގޭކަމަށެވެ