English Edition
Dhivehi Edition

ރާއްޖޭގައި އެންމެ ފުރަތަމަ ބާއްވާ ސަރަހައްދީ ޓޫރިޒަމްގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ) ގެ ހަރަކާތްތައް އިއްޔެ ހަވީރު އައްޑޫސިޓީގެ ގަމުގައި ހުންނަ އީކުއޭޓަރ ވިލެޖްގައި ފަށައިފިއެވެ،

“އޮޕަޗުނިޓީ އެންޑް ކޮންވަޒޭޝަން” ގެ ކޮކްޓެއިލް ޕާޓީއަކާއެކު ސަޓާގެ ހަރަކާތްތައް އައްޑޫގައި ފަށާފައިވާއިރު މި އިވެންޓްގައި ވަނީ ރާއްޖޭގެ ދެކުނުގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާ ބެހޭ މައުލޫމާތު، ސާޓާގައި ބައިވެރިވާ ސަރަހައްދީ ބްރޭންޑުތަކަށް ދެއްވަވާފައެވެ. މީގެ އިތުރުން ސަޓާގެ ހަރަކާތްތަކުގައި ބައިވެރިވާ ސްޕޮންސަރުންނާއި އެކިގޮތްގޮތުން މި އިވެންޓަށް އެހީތެރިކަން ފޯރުކޮށްދެއްވަވާ ފަރާތްތަކަށް ވަނީ ހަނދާނީ ލިޔުން ދެއްވަވާފައެވެ.

އިއްޔެގެ އިވެންޓަށްފަހުގައި މިއަދު ހެނދުނު އޮތީ އައްޑޫގެ އަންހެން ކަނބަލުން އިސްނަގައިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އައިލެންޑް ފެސްޓިވަލްގެ ނަމުގައި ކުރިއަށް ގެންދާ ފެސްޓިވަލެވެ. .މި ފެސްޓިވަލްގައި އައްޑޫގެ އުފެންދުންތެރިކަން ދައްކާލައި، އާޓް އެންޑް ކްރާފްޓްގެ ހަރަކާތްތައް ކުރިއަށް ދާނެއެވެ.

ހެނދުނުގެ އައިލެންޑް ފެސްޓިވަލް އަށްފަހުގައި ދެންއޮތީ މާދަން ރޭ ބާއްވާ ސަޓާގެ ގާލާ އެންޑް އެވޯޑް ނައިޓެވެ. ދެކުނު އޭޝިއާގައި ބާއްވާ އެންމެ ޝަރަފްވެރި އެވޯޑު ހޯދުމަށް ދުނިޔޭގެ މަޝްހޫރު އެތައް ހޮޓެލް ޗެއިނަކުން ކުރަމުންދިޔަ އިންތިޒާރު މިރޭ ނިމުމަކަށް އަންނާނެއެވެ. މިރޭގެ ރަސްމިއްޔާތުގައި ސަރަހައްދީ ފެންވަރުގައި 10 ސެގްމެންޓާއި 34 ކެޓަގަރީން އަކުން އެވޯޑުތައް ދޭނެއެވެ.

ސަޓާގެ ގާލާ އެންޑް އެވޯޑަށްފަހުގައި 29 ވަނަދުވަހު އެވޯޑަށް ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުން ޒިޔާރަތްކޮށް ފައިވާ ފަރާތްތަކަށާއި ސަޓާގެ ބައިވެރިންނަށް އައްޑޫ ސިޓީގެ ރީތިކަމާ އައްޑޫ ސިޓީއާއި ބެހޭގޮތުން ތަފާތު މައުލޫމާތު ދީ އައްޑޫ ސިޓީ ދައްކާލުމުގެ ޓުއާއެއް މާދަމާ ހެނދުނު ކުރިއަށްދާނެއެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވުމަށް ދުނިޔޭގެ މަޝްހޫރު ހޮސްޕިޓާލިޓީ ބްރޭންޑްތައް ވަނީ އައްޑޫ ސިޓީއަށް ޖަމާވެފައެވެ.

ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ހައިރައިޒް އިން އިންތިޒާމުކޮށްގެން ކުރިއަށްދާ ސަޓާގެ ފެސްޓިވަލަކީ އޭޝިއާގެ މަޝްހޫރު ބްރޭންޑްތަކާއި ރާއްޖޭގެ ބްރޭންޑްތަކުން ބޭފުޅުން ބައްދަލުވެ ބާއްވާ ނެޓްވާކިން ފޯރަމްއެކެވެ. 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި އިވެންޓަށް އައްޑޫސިޓީ ވަނީ ފުރިހަމަ އަށް ތައްޔާރުވެފައެވެ.