English Edition
Dhivehi Edition

ނަމާދަކީ ހުރިހާ އުއްމަތަކަށްވެސް ﷲ ތަޢާލާ ޝަރުޢުކުރައްވާފައިވާ އަޅުކަމެކެވެ. އެއީ ނަމާދުގެ އަހަންމިއްޔަތުކަން ބޮޑުވުމުގެ ސަބަބުންނާއި، އަދި އެއީ މަތިވެރި ގުޅުމަކުން އަޅާއާއި އޭނާގެ ވެރި ރައްބާއި ގުޅުވާދޭ އަޅުކަމަކަށް ވާތީއެވެ.

މި އުއްމަތަށް ﷲ ތަޢާލާ ފަސް ނަމާދު ފަރުޟުކުރެއްވީ، މި އުއްމަތުގެ މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މިޢުރާޖައް އުފުއްލެވި ރޭގައި ﷲތަޢާލާ އާއި އެކަލޭގެފާނާއި ދެމެދު އެއްވެސް މެދުވެރި އެއްނެތި ސީދާ ބަސްފުޅު ވަޙީކުރައްވައިގެންނެވެ.

ނަމާދަކީ ﷲ ތަޢާލާ ވާޖިބުކުރައްވައި ފަރުޟް ކުރައްވާފައިވާ އަޅުކަމެކެވެ. އެއީ ﷲ ތަޢާލާގެ އެއްކައުވަންތަކަމަށާއި އެއިލާހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރިސާލަތަށް އީމާންވެ ހެކިވުމަށްފަހު، ދެން އިސްލާމްދީނުގައި ދެވަނަ ދަރަޖަ ދެވިފައިވާ އަޅުކަމެވެ. ދީނުގެ ދެވަނަ ރުކުނެވެ. ނަމާދަކީ ފަރުޟްގެ އެންމެ މަތިވެރި ވައްތަރެވެ.

ނަމާދުގެ ވާޖިބުކަމަށް ކީރިތި ޤުރުއާނާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ދަލީލް ލިބޭ އެތައް އާޔަތްތަކަކާއި ޙަދީޘްތަކެއް އައިސްފައިވެއެވެ. އަދި އުއްމަތުގެ ޢިލްމުވެރިންވަނީ ނަމާދުގެ ވާޖިބުކަމާއިމެދު އިޖްމާޢުވެފައެވެ. އަދި އެއްވެސް ޢިލްމުވެރިއެއް ނަމާދަކީ ފަރުޟެއްކަމާއިމެދު ޚިލާފްވެފައެއް ނުވެއެވެ.

އެގޮތުން ނަމާދު އެޅުމަކީ ފާފަތަކުގެ ތެރެއިން އެންމެ ފާފަކަން ބޮޑު އެއްފާފައެވެ. ކުފުރާ ކައިރިކުރާ ޢަމަލެކެވެ. ލޮބުވެތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައި ވެއެވެ. العَهْدُ الَّذِى بَيْنَنَا وَبَيْنَهُمْ الصَّلَاةُ فَمَنْ تَرَكَهَا فَقَدْ كَفَرَ (އަޙްމަދު، ނަސާއީ، އިބްނުމާޖާ) މާނައީ: ތިމަންމެނާއި އެބައިމީހުންނާ (އެބަހީ މުސްލިމުންނާއި ކާފިރުންނާ) ދެމެދުގައިވާ ޢަހުދުކަށަވަރަކީ ނަމާދެވެ. ފަހެ ނަމާދު އަޅައިފިމީހާ ކުފުރުވެރި ވެއްޖެކަން ކަށަވަރެވެ.

ނަމާދު ކުރާ ކަމުގައި ވިއަސް ނަމާދަށް ފަރުވާކުޑަ ކުރުމާއި ނަމާދު ވަގުތުން ފަސްކުރުމާއި ނަމާދު ކުރުމުގައި މަޑުމޮޅިކަމާއި ތަވާޟުޢުވެރިކަމެއް ނެތި އަދާކުރުމާއި ނަމާދަށް ރައްކާތެރި ނުވުމަކީ އެކަމަށްޓަކައި ދީނުގައި ބޮޑުވެގެންވާ ވަޢީދުގެ ބަސްފުޅުތައް އައިސްފައިވާ ކަމެކެވެ. ކަށްވަޅުގެ ޢަޛާބު ލިބެނިވި ކަންތައްތަކުގެ ތެރެއިން ކަމެކެވެ. ނަރަކަވެރިއަކަށް ވުމުގެ މަގުހުޅުވޭ ކަމެކެވެ. ދުނިޔެއަށް ފޮނުއްވުނު އެންމެ ނުބައިވެގެންވާ ޤާރޫނާއި ފިރުޢައުނާއި ޙާމާނާއި އުބައްޔުބުނު ޚަލަފާއި މިފަދަ ނުބައިކަންބޮޑު މަލްޢުނުންނާއެކު ނަަރަކައިގެ އެންމެ އަޑީ ވަތްގަނޑުގައި ވޭންދެނިވި ޢަޛާބު ލިބިލިބި އޮންނަން ޖެހޭކަމެއް ކަމުގައި ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ބަސްފުޅުގައި އައިސްފައި ވެއެވެ.

ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿ عَنِ الْمُجْرِمِينَ (*) مَا سَلَكَكُمْ فِي سَقَرَ (*) قَالُوا لَمْ نَكُ مِنَ الْمُصَلِّينَ (އަލްމުއްދައްޘިރް: 41-43) މާނައީ: “ފާފަވެރިންގެ ގާތުން ކަނާތުގެ އަހުލުވެރިން ސުވާލުކުރާނެތެވެ. ބަލަ ކަލޭމެން ނަރައަށް ދާން ދިޔަޖެހުނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ އެއުރެން ބުނާނެތެވެ. ތިމެންމެން ނަމާދުކުރާ މީހުންގެ ތެރެއިން ނުވަމުއެވެ.”

 

މި ލިޔުމަށް މައުލޫމާތު ނަގާފައިވަނީ ދިސަލަފިއްޔާ/ނޫރުލް އިސްލާމް