English Edition
Dhivehi Edition

ފްރެންޗް ލީގުގައި ރޭ ލިލް އާއި ދެކޮޅަށް ކުޅުނު މެޗު ތަފާތު ބޮޑު ނަތީޖާއަކުން ޕީއެސްޖީން ކާމިޔާބު ކޮށްފިއެވެ.

ލިލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން މިނެޓެއްވެސް ނުވަނީސް ޕީއެސްޖީން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މެސީ ދިން ޕާހަކުން މި ލަނޑު ކާމިޔާބު ކޮށްދިނީ ކީލިއެން އެމްބާޕޭއެވެ.

މެޗުގެ 27 ވަނަ މިނެޓުގައި މެސީ ކާމިޔާބު ކޮށްދިން ލަނޑުން ލީޑު ފުޅާކުރިއިރު، ޕީއެސްޖީގެ ތިން ވަނަ ލަނޑު މެޗުގެ 39 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަސްރަފް ހަކީމީއެވެ. އަދި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ޕީއެސްޖީގެ ހަތަރުވަނަ ލަނޑު ނޭމާ ކާމިިޔާބު ކޮށްދިންއިރު، ފަހު ހާފުވެ ކުޅުން ފެށިގެން 52 ވަނަ މިނެޓުގައި ނޭމާ ވަނީ ޕީއެސްޖީގެ ފަސްވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. ޕީއެސްޖީގެ ފަހު ދެ ލަނޑު އެމްބާޕޭ ކާމިޔާބު ކޮށްދިންއިރު، މި މެޗުގައި އޭނާ ވަނީ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މި އީ އެމްބާޕޭ ޕީއެސްޖީގައި ފުރިހަމަކުރި އަށްވަނަ ހެޓްރިކެވެ.

މި މެޗުގައި ލިލްގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ޖޮނަތަން ބަމްބާއެވެ.

ރޭގެ މެޗުން ހޯދި މޮޅާއިއެކު ޕީއެސްޖީ މިވަގުތު އޮތީ ކުޅުނު ތިންމެޗުން ވެސް މޮޅުވެ 9 ޕޮއިންޓު ހޯދައިގެން ޕޮއިންޓް ތާވަލުގެ އެއްވަނާގައެވެ.