ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އެ މަނިކުފާނު އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވި ގަރާރުގެ ބަހުސް އާއްމު މެމްބަރުންނަށް މިއަދު ހުޅުވާނުލާން ނިންމެވީ އިތުރަށް އެކަމުގައި މަޝްވަރާކުރަން އެއްބަސްވެވިފައި އޮތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހު ފެށި އެމްޑީޕީގެ ކޮންގްރެސްގެ އެންމެ ފަހު އައިޓަމެއްގެ ގޮތުގައި އެޖެންޑާގައި އޮތީ ނަޝީދު ހުށަހެޅުއްވި ގަރާރާމެދު ބަހުސްކުރުމެވެ. ނަމަވެސް، އޭގެ ކުރިން، މިއަދުގެ މެންދުރުގެ ވަގުތެއްގައި، ކޮންގްރެސްއަށް ހުށަހެޅުނު އިސްލާހުތަކާމެދު ވޯޓު ނެގުމުގެ ކުރިން ނަޝީދާއި އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަޝްވަރާ ކުރައްވަވާފައެވެ. އަދި ގަރާރާމެދު ބަހުސްކުރަން އެޖެންޑާގެ އައިޓެމް ރިޔާސަތުން އިއުލާނުކުރުމާއެކު، ނަޝީދު ވަނީ ރައީސް ސޯލިހާއެކު ސްޓޭޖަށް އަރައިވަޑައިގެން އެ ގަރާރު ކުރިއަށް ނުގެންދަވަން ނިންމެވި ކަން އިއުލާން ކުރައްވަވާފައެވެ.
ނަޝީދު ވިދާޅުވީ ކޮންގްރެސްއަށް ގަރާރު ހުށަހެޅުއްވުމުގެ ކުރިންނާއި ވޭތުވެދިޔަ ދެތިން ދުވަހު ވެސް އެކަމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ މަޝްވަރާ ކުރެއްވި ކަމަށެވެ.
ރައީސް ނަޝީދު ވަނީ އެމްޑީޕީ އަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ އެ ގަރާރު އަނބުރާ ގެންދިއުން ކަމަށް ވިދާޅުވެފައެވެ. އަދި ކޮންގްރެސް އަށް ހުށަހެޅި ގަރާރު އަނބުރާ ގެންދިޔަ ނަމަވެސް ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ނިޒާމް ބަދަލުކުރުމުގެ މަޝްވަރާތައް އަދިވެސް ކުރިއަށް ގެންދަވާނެ ކަން ރައީސް ނަޝީދު ވަނީ ހާމަކުރައްވާފައެވެ