އައްޑޫސިޓީގައި އެންމެ ފުރަތަމަ ބާއްވާ ސަރަހައްދީ ޓޫރިޒަމްގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ) ގެ ހަރަކާތްތައް މިއަދު ހަވީރު އީކުއޭޓަރ ވިލެޖްގައި ފަށާނެއެވެ.
މިއަދު ހަވީރު 4:00 ގައި “އޮޕަޗުނިޓީ އެންޑް ކޮންވަޒޭޝަން” ގެ ކޮކްޓެއިލް ޕާޓީއަކާއެކު ސަޓާގެ ހަރަކާތްތައް އައްޑޫގައި ފަށާއިރު މި ރަސްމިއްޔާތުގައި ބައިވެރިވުމަށް ދުނިޔޭގެ މަޝްހޫރު ހޮސްޕިޓާލިޓީ ބްރޭންޑްތައް ވަނީ އައްޑޫ ސިޓީއަށް ޖަމާވެފައެވެ. މިއަދުގެ ހަވީރުގައި ބާއްވާ އިވެންޓަކީ ސާޓާގައި ބައިވެރިވާ ސަރަހައްދީ ބްރޭންޑުތަކަށް ރާއްޖޭގެ ދެކުނުގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާ ބެހޭ މައުލޫމާތު ދިނުމަށް ބާއްވާ އިވެންޓެކެވެ.
މިއަދުގެ އިވެންޓަށްފަހުގައި މާދަމާގެ ހެނދުނު އައްޑޫގެ އަންހެން ކަނބަލުން އިސްނަގައިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އައިލެންޑް ފެސްޓިވަލްގެ ނަމުގައި ފެސްޓިވަލް އެއް ކުރިއަށް ގެންދާގޮތަށްވަނީ ހަމަޖެހިފައެވެ. އެ ފެސްޓިވަލްގައި އައްޑޫގެ އުފެންދުންތެރިކަން ދައްކާލައި، އާޓް އެންޑް ކްރާފްޓްގެ ހަރަކާތްތައް ކުރިއަށް ދާނެއެވެ.
ހެނދުނުގެ އައިލެންޑް ފެސްޓިވަލް އަށްފަހުގައި ދެންއޮތީ މާދަން ރޭ ބާއްވާ ސަޓާގެ ގާލާ އެންޑް އެވޯޑް ނައިޓެވެ.
ސަޓާގެ ގާލާ އެންޑް އެވޯޑަށްފަހުގައި 29 ވަނަދުވަހު އެވޯޑަށް ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުން ޒިޔާރަތްކޮށް ފައިވާ ފަރާތްތަކަށާއި ސަޓާގެ ބައިވެރިންނަށް އައްޑޫ ސިޓީގެ ރީތިކަމާ އައްޑޫ ސިޓީއާއި ބެހޭގޮތުން ތަފާތު މައުލޫމާތު ދީ އައްޑޫ ސިޓީ ދައްކާލުމުގެ ޓުއާއެއް ކުރިއަށްދާނެއެވެ.
ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ހައިރައިޒް އިން އިންތިޒާމުކޮށްގެން ކުރިއަށްދާ ސަޓާގެ ފެސްޓިވަލަކީ އޭޝިއާގެ މަޝްހޫރު ބްރޭންޑްތަކާއި ރާއްޖޭގެ ބްރޭންޑްތަކުން ބޭފުޅުން ބައްދަލުވެ ބާއްވާ ނެޓްވާކިން ފޯރަމްއެކެވެ. 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި އިވެންޓަށް އައްޑޫސިޓީ ވަނީ ފުރިހަމަ އަށް ތައްޔާރުވެފައެވެ.