ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގެނިޒާމު ބަދަލުކުރައްވަވަން އުޅުއްވަނީ ވެރިކަން ބޭނުންފުޅު ވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ އެގޮތަށް ކަންތައް އެ ކުރައްވަވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެރިކަން ބޭނުންފުޅު ވެވަޑައިގަންނަވާތީ ކަމަށާއި ރައްޔިތުންގެ މަޖިލީހުން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް ދޭން ޖެހޭ އެއްބާރުލުން އެންމެ ރަނގަޅަށް ނުދެއްވާކަމަށެވެ.
“ރައީސް ނަޝީދަށް އެންމެ ރަނގަޅު ވާނީ އަމިއްލަ އެދުން ދޫކުރައްވާ ރައީސް ސާލިހު އާއި އެކު މަސައްކަތް ކުރެއްވުން. ރައީސް ނަޝީދު ބޭނުންފުޅުވީ ދެ އަހަރު ބައި ވަންދެން މި ވެރިކަންކުރުމަށް ފަހު ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވަން. އެއީ ގައުމާއި އެމްޑީޕީ އަށް ގެއްލުންވާ ކަމެއް. އަދި މިހާރު މަސައްކަތްކުރައްވަނީ ވެރިކަން ބޭނުުންވެވަޑައިގަންނަވާތީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރައްވަން ” ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
ރޮޒޭނާ ވަނީ ރައީސް ނަޝީދާއި ރައީސް ސޯލިހު އާއި ދެބޭފުޅުންގެ ގުޅުން ހީނަރުވުމަކީ އެކަމުގެ ނޭދެވޭ އަސަރު އެމްޑީޕީ އަށް ކުރާނެ ކަމެއް ކަން ފާހަގަކުރައްވާފައެވެ. އަދި ބައެއް ކަންކަމުގައި ރައީސް ނަޝީދުގެ ޚިޔާލުފުޅަކީ އެމްޑީޕީގެ ޚިޔާލު ކަމަށް ދޭހަވާ ގޮތަށް ވާހަކަދެއްކެވުމުގެ ސަބަބުން ޕާޓީގެ އާއްމު މެމްބަރުން ނޭދޭ ގޮތަށް ރައީސް ނަޝީދަށް ވާހަދެއްކެވޭ ކަމަށެވެ. އެގޮތުން ޕީޕިއެމް އާއި އެކު މަސައްކަތްކުރުމަކީ އެމްޑީޕީގެ އާއްމު މެމްބަރުން ބޭނުންވާނެ ކަމެއް ނޫން ކަަމަށް ވެސް ރޮޒޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ކަންކަމުގެ ހަގީގަތް ނުބައްލަވާ ރައީސް ސާލިހުގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ރައީސް ނަޝިދު ދައްކަވާ ވާހަކަތަކުގެ ނޭދެވޭ އަސަރުވެސް ސަރުކާރާއި އެމްޑީޕީއަށް ކުރަމުންދާ ކަމަށް ރޮޒޭނާ ވަނީ ވިދާޅުވެފައެވެ.