English Edition
Dhivehi Edition

ގެބޯންގެ ސަރުކާރުން އަރުވާ ޢިއްޒަތް، “ނޭޝަނަލް އޯޑަރ އޮފް މެރިޓް އޮފް ދަ ގެބަނީޒް ރިޕަބްލިކް” ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަދި އދ. ގެ ޢާއްމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް އަރުވައިފިއެވެ.

މިނިސްޓަރު ޝާހިދަށް މި އިއްޒަތް އެރުވީ ގެބޮންގެ ވެރިރަށް ލީބްރަވިލް ގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ގައުމުގެ ރައީސް އަލީ ބޮންގޯ އޮންޑިމްބާއެވެ.

އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޚިދުމަތްތެރިންނަށް އަރުވާ މި ޢިއްޒަތް ތަޢާރަފްކުރެވުނީ 1971 ވަނަ އަހަރުއެވެ. މިނިސްޓަރ ޝާހިދު މިވަގުތު ގެބޯންގައި ހުންނެވީ އދ.ގެ ޢާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ.

ދިވެހިރާއްޖެއިން ގެބޯންއާއެކު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 20 މާރިޗު 2008 ގައެވެ. މިއަހަރު ދެ ޤައުމުގެ ގުޅުމަށް 14 އަހަރު ވަނީ ފުރިފައެވެ.

މީގެ ކުރިން ވެސް މިނިސްޓަރު ޝާހިދަށް ވަނީ ބައެއް ގައުމުތަކުގެ މަތީ ޝަރަފާއި އިއްޒަތް އަރުވާފައެވެ. އެގޮތުން މިދިޔަ މަހު ގުއާޓަމާލާގެ އޯޑާ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީގެ މަތީ ޝަރަފާއި މިދިޔަ ޖޫން މަހު ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާނުގެ އިއްޒަތް މިނިސްޓަރު ޝާހިދަށް ވަނީ އަރުވާފައެވެ.