އޯ.އައި.ސީގެ ޚާރިޖީ ވަޒީރުންގެ 47 ވަނަ ބައްދަލުވުމަށް ނައިޖަރއަށް ވަޑައިގެން އުޅުއްވާ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ތުރުކީގެ ފޮރިން މިނިސްޓަރ މެވްލުތް ޗަވްޝޮންގްލޫ އާއި ބައްދަލުކުރައްވައިފިއެވެ.
އޯ.އައި.ސީގެ ޚާރިޖީ ވަޒީރުންގެ 47 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ބޭއްވުނު މި ބައްދަލުވުމުގައި ވަނީ ދެ ޤައުމުން ގުޅިގެން ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ވިޔަފާރީގެ ދާއިރާއާއި، ދަނޑުވެރިކަމުގެ ދާއިރާއާއި، ތައުލީމީ ދާއިރާއިން ރާއްޖެއާއި ތުރުކީއާއި ދެމެދު ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް މިނިސްޓަރ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުުން މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ތުރުކީގެ ގައުމީ އެއަރލައިން ޓާކިޝް އެއަރލައިނުން ރާއްޖެއަށް އަލުން ދަތުރުތައް ފެށުމާ ގުޅިގެން އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން ޓާކިޝް އެއަރލައިނުން ރާއްޖެއަށް ދަތުރު ފެށުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ލިބިފައިވާކަމަށްވެސް މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ.
އޯ.އައި.ސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ މިފަހަރުގެ ޝިއާރަކީ “ތަރައްޤީއަށް ހަމަޖެހުމަށް ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް” މިޝިއާރެވެ. މި ބައްދަލުވުން ކުރިއަށް ދަނީ ރިޕަބްލިކް އޮފް ނައިޖަރގެ ވެރިރަށް ނިއާމޭގައި ނޮވެމްބަރު 27 އިން 28 އަށެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މިފަހަރުގެ ބައްދަލުވުމުގައި، ކޮވިޑް-19 ގެ ޙާލަތު ރާއްޖޭގައި އޮތް ގޮތާއި، އެކަމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާ ދެކޮޅަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާއި އިސްލާމީ އުއްމަތަށް މިވަގުތު ކުރިމަތިވެފައިވާ ކަންކަމާމެދު ދިވެހިރާއްޖެއިން ދެކޭ ގޮތް ހާމަކުރައްވައި، އުއްމަތް އެކަތިގަނޑަކަށް ވުމަށް ގޮވާލައްވާ މިނިސްޓަރ ޝާހިދު ވާހަކަ ދައްކަވާނެއެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ނައިޖަރއަށް ފުރާވަޑައިގެންފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. މި ބައްދަލުވުމުގެ ހަވާސާގައި ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއެކު މިނިސްޓަރ ޝާހިދު ބައިލޭޓަރަލް ބައްދަލުވުންތައް ބޭއްވުމަށް ވަނި ހަމަޖެހިފައެވެ.