English Edition
Dhivehi Edition

ރަނާސް މޯލްޑިވްސްއާއި ނަސީރު ސްޕޯޓްސް އެކަޑަމީ ގުޅިގެން އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ “އީކުއޭޓަރ އައްޑޫސިޓީ އިންޓަރނޭޝަނަލް މެރަތަން” އަށް އެންމެން ތައްޔާރުވަނީއެވެ.

އިންތިޒާމްކުރާ މީހުން ކަންކަން ފުރިހަމަ ކުރުމަށް ކުރަންޖެހޭ ކަންކަމުގައި ހޭބޯނާރައި އުޅެނީއެވެ. ދުވުންތެރިން ގެންދަނީ މުބާރާތުން ރަންވަނައެއް ހޯދުމަށް މިހާރުން ފެށިގެން ފަރިތަކުރަމުންނެވެ.

މުބާރާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ނަސީރު އިސްމާއީލް ވިދާޅުވީ މުބާރާތް ބޭއްވުމަށް ނިންމި ހިސާބުން އައްޑޫ އިސްތިހާރު ކުރަން ފަށައިފި ކަމަށެވެ. ނަތީޖާއަކީ ދުނިޔޭގެ މަޝްހޫރު ދުވުންތެރިންނަށް މިހާރުވެސް އައްޑޫ އެނގުމެވެ. “މިހާރު ދުނިޔޭގެ މަޝްހޫރު ދުވުންތެރިންނަށް ވަރަށްބޮޑަށް އައްޑޫ އެނގޭ،” ނަސީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ދުވުންތެރިންނަށް އައްޑޫ އެނގުމަކީ އައްޑޫގައި ނުވަތަ ރާއްޖޭގައި މެރެތަންގެ “ޕްލެޓުފޯމެއް” ގާއިމްވެގެންދާނެ ކަމެއް ކަމަށެވެ. އޭރުން އައްޑޫސިޓީ ވެގެންދަނީ މެރެތަން ބާއްވާ ދުނިޔޭގެ މަޝްހޫރު އެހެން ސިޓީތައްފަދަ ތަނަކަށެވެ. މިހާރުވެސް 900 އަށްވުރެ ގިނަމީހުން ވަނީ މުބާރާތުގައި ބައިވެރިވާން އެދިފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ދުވުންތެރިންވެސް ހިމެނެއެވެ. މިހާރުވެސް ރާއްޖެއިން ބޭރުގެ 15 އަށްވުރެ ގިނަ މީހުންވަނީ ބައިވެރިވެފައެވެ.

ދުނިޔޭގެ ފެންވަރުގެ އިވެންޓަކަށް ތައްޔާރުވަމުންދާއިރު ބައެއް ކަހަލަ ދަތިކަންތައް ވަރަށް ބޮޑަށްދިމާވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އައްޑޫސިޓީއަށް މިފަދަ ކުރިއެރުމެއް ލިބޭނެ ކަމެއް ވިޔަނުދޭންވެސް ބަޔަކު އެބައުޅެއެވެ. އެހެންނަމަވެސް ދިމާވާ ކޮންމެ ގޮންޖެހުންތަކާ ކުރިމަތިލައިގެން މި މެރެތަން ބާއްވާނެ ކަމަށް ވިދާޅުވިއެވެ. “ބަޔަކު ހުރަސް އެޅިޔަސް އިރާދަކުރެއްވިއްޔާ މެރެތަން ބާއްވާނަން. ސަރުކާރާއި އައްޑޫސިޓީއާއި، ޑަބްލިޔުޑީސީއާއި، ޒުވާނުންވެސް އަޅުގަނޑުމެންނާއެކު ތިބީ. އެހެންވީމާ ދިމާވާ ޗެލެންޖުތަކަށް ކުރިމަތިލެވޭނެ،” އޭނާ ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ މި މެރެތަންގެ ސަބަބުން މުޅިދުނިޔެއަށް އައްޑޫ ހުޅުވިގެންދާނެ ކަމަށެވެ. އޭގެ ފައިދާ ކޮންމެވެސް ހިސާބަކުން އައްޑޫ ރައްޔިތުންނަށް ވަރަށްބޮޑަށް ކުރާނެ ކަމަށެވެ. އެއީ އައްޑޫއަކީ ހުޅުވިފައިވާ، މެރެތަންގައި ދުވުމަށް ރަނގަޅު މަގުތަކެއްއޮތް ސިޓީއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުރުސަތެއް ލިބުނީމައި އެކަން އޮއްބައިލުމުގެ ބަދަލުގައި އައްޑޫ ސިޓީގެ ކުރިއެރުމަށް ކުރާ މިކަހަކަ ކަންކަމަށް ހުރަސްނާޅައި އެކަމަށް ވާގިވެރިވުމަށް އޭނާ އެންމެންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. “މި މެރެތަންއިން އަޅުގަނޑުމެންނަށް ލިބޭނެ އެންމެ ބޮޑުކާމިޔާބީއަކީ މީގެ ސަބަބުން އައްޑޫސިޓީއަށް ކުރިއެރުން ލިބުން. މުޅި ދުނިޔެއަށް އައްޑޫ ހުޅުވިގެންދިޔުމަކީ އައްޑޫސިޓީގެ ޓޫރިޒަމަށްވެސް ލިބިގެންދާނެ ވަރަށްބޮޑު ކުރިއެރުމެއް،” އޭނާ ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ މިއީ ދުޅަހެޔޮކޮށް ތިބުމަށް ކުރަންޖެހޭ ކަސްރަތަށް މީހުން ނެރުމަށްވެސް ލިބިގެންދާނެ ހިތްވަރަކަށްވާނެ ކަމަށެވެ. ނަސީރުގެ އަޒުމަކީ ގޭގައި މިހާރުތިބި ގިނަމީހުން ދުވާ ޓްރެކްތަކާއި އެކަށީގެންވާ ތަންތަނަށްނެރެ ކަސްރަތު ކުރުވުމެވެ. މި މެރެތަންގެ ސަބަބުން އެކަންވާނެ ކަމަށް އޭނާ އުންމީދު ކުރައްވައެވެ.

މެރެތަންގައި ބައިވެރިވުމުގެ ސުންގަޑިއަކީ ނޮވެމްބަރު 8 އެވެ. މެރެތަން އޮންނާނީ އަންނަ ޑިސެމްބަރުމަހު 8 ވަނަ ދުވަހުއެވެ.

ނަސީރުހުރީ ކިތަންމެބޮޑު ގޮންޖެހުމެއް ކުރިމަތިވިޔަސް މެރެތަން ހުއްޓާލާގޮތަކަށް ނޫނެވެ. އޭނާއާއި އޭނާގެ ޓީމްއެއަށްވުރެ ހިތްވަރުގަދައެވެ.