English Edition
Dhivehi Edition

ވަޒީފާ އަކީ ގިނަ މީހުންނަށް އާމްދަނީއެއް ލިބުމަށް އޮންނަ ހަމަ އެކަނި ގޮތެވެ. ޅަ އުމުރުން ފެށިގެން އެތަކެއް އަހަރުތަކެއް ވަންދެން ވަޒީފާ އަދާކޮށްފައިވާ މީހުން އެބަތިއްބެވެ. އަދި މިހާރުވެސް ވަޒީފާގައި ދެމި ތިބި މީހުން ވެސް އެބަތިއްބެވެ.

ގިނަ މީހުން ވަޒީފާ އަދާ ކުރަނީ އެކަން ކުރާހިތުންނެވެ. އެކަމަށް ހިތުގައި އޮންނަ ލޯތްބާއި އެކުގައެވެ. ވަޒީފާގެ ކުރިއެރުމަށް ވުރެ ބޮޑަށް އެކުރާކަމެއް ރަނގަޅު ގޮތުގައި ކުރުމުގެ އަޒުމުގައެވެ. އެހެންނަމަވެސް މިއީ ވަކި ޖީލެއްގެ ފުށުން ފެނިގެންދާ ރީތި ސިފައެކެވެ. ހިތާމައަކީ އެޖީލް މަޑުމަޑުން ގޮސް ނެތިގެންދާ ތަން ފެންނަމުން ދާކަމެވެ.

ކޮންމެ ވަޒީފާއަކަށް އިޢުލާން ކުރާއިރު ތަޖުރިބާ ހުރުމަކީ އެވަޒީފާއެއް ލިބުމަށް އޮތް އިތުރު ފައިދާއަކަށް ވެގެންދެއެވެ. ނަމަވެސް އޭގެ ނަތީޖާއަކަށް ވަނީ ޒުވާނުންނަށް ވަޒީފާ ލިބުމަށް އޮތް ދޮރު ބަންދުވުމެވެ. އަބަދުވެސް ތަޖުރިބާ ހުންނަ މީހާއަށް ވަޒީފާ ލިބިގެން ދިޔުމެވެ. އޭގެ ސަބަބުން ވަޒީފާ ދޭ ފަރާތަށް ފައިދާތަކެއް ލިބުނު ކަމުގައި ވީނަމަވެސް ގެއްލުމާވެސް ކުރިމަތި ލާންޖެހެއެވެ.

ތަޖުރިބާ ހުރި މީހާއަށް ވަޒީފާ ދިނުމުން އެމީހާގެ ފުށުން ފެނިގެން ދާނީ ކުރިން އެމީހާ ވަޒީފާ އަދާކުރި ތަނުން އެމީހަކަށް ލިބުނު ހުނަނާއި އިލްމެވެ. އެވައްޓަފާޅިއެވެ. ކުރިން ކުރި މަސައްކަތް އެއިރުވެސް ކުރި ބީދައިން ކުރަމުންދާތަނެވެ. ނަތީޖާ އަކީ މިއަދުގެ ދުނިޔެ މިދެކެން ބޭނުންވާ އާއީޖާދު ނުވަތަ އާ އުކުޅުތައް ފެނިގެން ނުދިއުމެވެ. އިތުރު ތަރައްޤީ ނުފެނި ކުރިއެކޭ އެއްގޮތަށް އެއްވާނެއްގައި ދެމި އޮތުމެވެ. ނަމަވެސް 21 ވަނަ ޤަރުނު ދެކެން ބޭނުންވާ ވަޒީފާގެ މާހައުލަކީ އެއީ އެއް ނޫނެވެ. ޅައުމުރުން ފެށިގެން ކުދިންނަށް އުނގަންނައި މިދެވެނީ ކޮންމެ ކަމެއްވެސް ކުރާނެ އާ ގޮތްތަކެވެ. އެކުދިންގެ ސިކުނޑިތައް ހުޅުވައި ދެވެނީ ތަފާތު ދުނިއެކަށެވެ. އެހެންކަމުން އެއިން ކުއްޖަކަށް ވަޒީފާ ދިނުމެކޭ 10 ނުވަތަ 12 އަހަރުގެ ތަޖުރިބާއާއި އެކީ ވަޒީފާ ދޭ މީހާއާއި ދާދި އެއްވަރު ވެގެން ދެއެވެ.

ގިނަ ދުވަސް ވަންދެން އެއް ވަޒީފާއެއްގައި އެއްބަޔަކު ތިބުމަކީ ތަނުގެ މަސްލަހަތު ގެއްލި ތަނަށް ގެއްލުން ލިބިދާނެ ކަމެކެވެ. އެހެނީ ގިނަ ދުވަސްވާވަރަކަށް ޖޯޝާއި ފޯރީގައި ވަޒީފާ އަދާކުރުމަށް އުނދަގޫ ވާނެއެވެ. އެއްބަޔަކާއި އެކުގައި ގިނަ ދުވަހު އުޅެން ޖެހުމުން ދައްކަން ނުޖެހޭ ގިނަ ވާހަކަތައް ދެކެވި މާ ބޮޑަށް އެކަކު އަނެކަކު ދަސްވެދާނެއެވެ. އޭގެ ސަބަބުން އެއްބަޔަކު އޭގެ ނާޖާއިޒު ފައިދާ ނެގުމާއި، އެކަކު އަނެކަކަށް ނަފުރަތުގެ ބަސްތައް ބުނެވޭނެއެވެ. ރުޅު މޫނު ދައްކައިގެން ތިބެންޖެހުމުގެ ސަބަބުން ޙިދުމަށް ހޯދުމަށް އަންނަ ފަރާތަށްވެސް އެ އުސޫލުން ޙިދުމަށް ދެވިދާނެއެވެ. ހިތްހަމަ ނުޖެހުން އިންތިހާއަށް ބޮޑުވެ މަސައްކަތް ކުރާ ތަނުގެ އަގު ނުހިފެހެއްޓޭ ހިސާބަށް ގޮސް ދާނެއެވެ.

އެއްބަޔަކު އެއް ވަޒީފާއެއްގައި ގިނަ ދުވަހު ތިބުމަކީ ޒަމާނާއި އެއްގޮތަށް ޚިދުމަށްތައް ތަރައްޤީވެގެން ދިޔުމަށް އޮތް ހުރަހަކަށް ވެދާނެއެވެ. އެހެނީ އާގޮތަކަށް ކަންކަން ބަދަލުކޮށްލުމަށް ޖެހިލުންވާނެތީއެވެ. އަދި އެ ‘ރިސްކު’ ނަގަން ނުކެރޭނެތީއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އަލަށް އުފަންވެގެން އަންނަ ވިޔަފާރިތަކާއި، އާއްމު ހިދުމަތް ދޭ ތަންތަން ކުރިއަރައިގެން ދާނެތަން ފެނިގެން ދިޔުމެވެ.

މަތީ ތަޢުލީމް ހާސިލް ކޮށްގެން އަންނަ ފަރާތްތަކަށް ވަޒީފާގެ ދޮރުތައް ނުހުޅުވި ހުރުމަކީ ޤައުމުގެ ތަރައްޤީގެ ދުވެލި މަޑު ޖެހިގެންދާނެ ކަމެކެވެ. ޙާއްސަކޮށް ސަރުކާރުގެ އޮފީސްތަކުން އެފަރާތްތަކަށް އެފުރުސަތު ނުލިބުމާއި، ގިނަ ދުވަހު އެއް ވަޒީފާއެއްގައި ދެމި ތިބޭ ބަޔަކަށް އަބަދު ބަރޯސާ ވެގެން ތިބުމަކީ ނުރައްކާތެރި ކަމެކެވެ. އެހެނީ އެމީހުންގެ ފަރާތުން ތަރައްޤީގެ ހުނަރުތައް ފެނިގެން ނުދާނެތީ އާއި، އޭގެ ބަދަލުގައި ފަސާދަ އަށް މަގުފަހިވާ ގިނަ ކަންކަން ކުރިމަތިވާނެތީއެވެ.

އުމުރުން ދުވަސް ވުމުން ނުވަތަ ވަޒީފާގައި ގިނަ ދުވަހު ހުރުމަކީ އެމީހެއްގެ ބޭނުންތެރިކަން ކެނޑުނީކަމަށް ބަލައިގެން ނުވާނެއެވެ. ނަމަވެސް އިލްމީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ދިނުމަކީ ކުރިއެރުމަށް އޮތް މަގެއްކަން ޤަބޫލު ކުރަން ޖެހެއެވެ. ވަޒީފާ އަކީ އާމްދަނީގެ މައި ދޮރުކަމަށްވާއިރު އެއާމްދަނީ ލިބިގަންނަނީ ވަޒީފާ ދޭ ފަރާތަށްވެސް އެކަށީގެންވާ ފައިދާތަކެއް ލިބޭނެ ފަދަ އުސޫލަތަކަކުން ކަމަށް ވާން އެބަ ޖެހެއެވެ.