English Edition
Dhivehi Edition

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރަޖިސްޓްރާގެ މަގާމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަރުހާދު އައްޔަންކޮށްފިއެވެ.

އެމްއެންޕީ އިން ބުނީ އެ ޕާޓީގެ އައު ރަޖިސްޓްރާ ފަރުހާދާ އެކު ޕާޓީގެ ހިންގުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމީ ޝައްކެއް އޮތްކަމެއް ނޫންކަމަށެވެ. އަދި ފަރުހާދަކީ ގައުމީ ޚިދުމަތުގައި އަހަރުތަކެއް ހޭދަކުރައްވާ ޚާރިޖީ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހުރި، ހިންގުންތެރި ބޭފުޅެއްކަން ވަނީ ފާހަގަކޮށްފައެވެ.

2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ މެމްބަރުކަމަށް އައްޔަންކުރައްވާފައިވާ ފަރުހާދު އެންއައިސީ ގެ ރައީސްކަމުގެ މަގާމުން ވަކިކޮށްފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. އެންއައިސީގެ ރައީސްކަމުން އޭރު ފަރުހާދު ވަކިކުރި ނަމަވެސް، މެމްބަރެއްގެ ގޮތުގައި އޭނާ ހުންނެވިއެވެ. އަދި އޭގެ ފަހުން ފަރުހާދު ވަނީ މެމްބަރުކަމުގެ މަގާމުން އިސްތިއުފާދެއްވާފައެވެ.

މީގެ ކުރިން ޖުމްހޫރީ ޕާޓީގައި ހުންނެވި ފަރުހާދު ވަނީ 2019 ވަނަ އަހަރު އެ ޕާޓީގެ ސްލޮޓެއްގައި އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެމްބަރުކަމަށްވެސް ވާދަކުރައްވާފައެވެ.

އެމްއެންޕީ އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަސްތެރޭގައެވެ. އެ ޕާޓީ ކައުންސިލްގެ އިންތިހާބުގެ ވޯޓުލުން މި މަހު 06 ވަނަ ދުވަހު ބާއްވާފައިވާއިރު އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވީ އެ ޕާޓީއަކީ ޑިމޮކްރެޓިކް ހަމަތައް ނަގަހައްޓާ ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިވާ ޕާޓީއެއްކަމަށެވެ.

އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލްގެ އިންތިހާބުގައި ވޯޓެއް ނެތި 180 މަގާމަކަށް މެންބަރުން ވަނީ ހޮވިފައެވެ.