English Edition
Dhivehi Edition

މީހަކު ހަމަ ފެންނަ އިރަށް ގޮވާލާނެއެވެ. ‘ކޮބާ! ކޮފީ އެއް ނެތް’ ‘ ހިނގާ ކޮފީ އަކަށް ދާން’.

ވަރަށް ފޯރިއާއި އެކު ޒުވާނުން މިހެން ގޮވާލާނެއެވެ. ދެކެފަރިތަ ނޫނަސް ފެންނަ ކޮންމެ މޫނަކާއި ދިމާލަށް މިހެން ގޮވާލާ މީހުން މަދެއް ނޫނެވެ. ބަލާބެލުމަށް އެކުގައި އުޅެ ބޮޑުވި ދެ ރަޙްމަތްތެރިން ކަހަލައެވެ. ދުވާލަކު ދެ ދަޅައަށް އެއް މޭޒަކުން ކަމުން ބޮމުން ދާ މީހުން ފަދައިންނެވެ.

ކޮފީއަކަށް ދަޢުވަތު ލިބުމުން ކޮފީއަށް ދިޔުން މައްސަލައެއް ނެތެވެ. މުހިއްމު ވާހަކަތައް ހިއްސާކޮށްލުމަކުން މައްސަލައެއް ނޫނެވެ. ހެއްވާ މަޖާ ވާހަކަ ދައްކައި ސިކުނޑީގެ ނުތަނަވަސްކަން ފިލުވާލުން މައްސަލައެއް ނޫނެވެ. ނަމަވެސް މައްސަލައަށް ވެގެންދާ ހިސާބަކީ ހަކުރު ދެންޔާ ބޮޑުބޭބެ އޭ ހިތައް އެރުމެވެ. ވަކިލާރިން ބިލް ހަމަކޮށްލާލެވޭ ވަރުގެ ކޮފީއަކަށް ދަޢުވަތު ދިނުމުން ދަޢުވަތު ދިން މީހާގެ އަތުގައި ދަތް އަޅައިގަންނާތީ އެއީ މައްސަލައެކެވެ. ފަހަރުގައި މިދެންނެވުނު އެއްޗެއް ފަހުމު ނުވެދާނެއެވެ. ނަމަވެސް މިއަދު ކަން ހިނގަމުން ދަނީ މިހެންކަމަށް ވާތީ މިވާހަކަ އިތުރަށް ތަފްސީލް ކޮށްލާނަމެވެ.

ފެނިދެނިވެ އުޅޭ މީހަކަށް ނުވަތަ ގާތް ރަހުމަތްތެރިއަކަށް ކޮފީއަކަށް ދަޢުވަތު ދެވިދާނެއެވެ. އެހިސާބުން ދެމީހުން އެކުގައި ކޮފީއަކަށް ދިޔުން އެންމެ ރަނގަޅެވެ. ނަމަވެސް ކޮފީ މޭޒު ކައިރިއަށް ވޭޓަރު އައުމާއި އެކު އެއްކަލަ ކޮފީތަށި މަތިން ހަނދާން ނެތެއެވެ. ނުވަތަ ކޮފީ ތަށީގެ ބަދަލުގައި، ކެއުންތައް ސިފަވެގެން ދެއެވެ. ނުވަތަ ކޮންމެވެސް މީރު ފިނި ބުއިމަކަށް ބަދަލުވެގެން ހިނގައި ދެއެވެ. އަދި އެވަރުން ހިތްހަމަ ޖައްސާނުލެވި، ހެދިކާއަކަށް ނުވަތަ ފޮނި އެއްޗަކަށް ހުރީ ކޯޗެއްތޯ އަހައި ސުވާލު ކުރެވެން ފަށައެވެ. މިހާހިސާބަށް ދާއިރު އަދި ދައުވަތު ދިން ފަރާތާއި ހަތަރު ކަޅިވެސް ހަމަކޮށް ނުލެވޭނެއެވެ. އަދި އޭނާ ގެ ރުހުން އޮތްތޯވެސް ބަލާ ނުލެވޭ ހާލު ކެވެން އޮތް ދުވަހު ކާލާނީ އޭ ހިތާ މޭޒުމަތި ފުރާލައެވެ.

ކޮފީ އަށް ދަޢުވަތު ދޭ މީހާ އެދޭ ދަޢުވަތަކީ މަދު ލާރިކޮޅެއްގެ ބިލަކަށް ޙަރަދު ކޮށްލުމުގެ ގޮތުން ދޭ ދަޢުވަތެކެވެ. ގިނަ ދުވަސްތަކަކަށް ފަހު ދެ މީހުން ބައްދަލުވުމުގެ އުފަލުގައި އަނގަ ތަޅުވާލުމަށް ހޭދަވާ ކުޑަ ވަގުތު ކޮޅަށްޓަކައި ބޯލާ ކޮފީއެކެވެ. ވާހަކަ ދައްކާލަން ތިބޭއިރު އަނގަ ތެއްމާލަން ދަމާލާ ހޫނު ކޮފީއެކެވެ. ދެ ކޮފީއާއި ފެންފުޅިއެއްގެ އިތުރުން ބިލައް އަރިއަކުން ނިންމާލެވޭނެކަމަށް އުންމީދު ކުރެވޭ ކޮފީ އެކެވެ.

ނަމަވެސް ކަން މިހެން ހިނގަމުން ނުދެއެވެ. ދޭމީހާގެ މާލިއްޔަތަށް ނުވަތަ އޭނާގެ ހާލަތަށް ބެލުމެއް ނެތި ކޮފީތަށި ބޮޑު ބަތް ތައްޓަކަށް ބަދަލުވެ 30ރ އަށް އުންމީދު ކުރި ބިލު 200 އާއި 300 ރުފިޔާ އިން މަތިވުމުން މީދެން ބޮޑުވަރެވެ. އަދި ކޮފީ އަށް އައިސް ބަނޑު ފުރާ ކާލައިގެން ބޮޑު ނޭވާއެއް ލަމުން ދެން ހުރި މީހާގެ ބޮލަށް ބިލު ޖަހާލާފައި ދާއިރު ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތް ކަހަލަ އޭ ހީވެއެވެ. ދަޢުވަތު ދެވުނު މީހާ ހެވިލާފައި ބިލް ދެއްކިޔަސް އޭނާގެ ހިތުގައި އޮތް އެއްޗެއް ނޭނގޭނެއެވެ. ދެމީހުންގެ ރަޙްމަތްތެރިކަމަށްޓަކައި މިފަހަރު ބިލް ދައްކާލާނީ އޭ ހިތާހިތާ ބުނެލާއިރު އެމީހަކަށް މިދަޢުވަތަށް ކިޔާލެވުނު މޮޔަ ހީވެއެވެ. ދެން މިކަހަލަ ދަޅައަކު ނުޖެހުމަށް އަޒުމް ވެސް ކަނޑައަޅައެވެ.

މި ދެންނެވުނު ކަހަލަ ކަމެއް ތަޖުރިބާ ކުރި މީހެއް ގާތުން ނިކަން އަހާލަބަލާށެވެ. ކޮފީ ބިލް ކެއުމުގެ ބިލަށް ބަދަލުކުރި މީހަކާއި އެކު ދެން އިތުރު ކޮފީއަކަށް ދާނެތޯއެވެ. އެމީހަކު ހަމަ ހިލާ އެއްބަހެއް ނުވާނެއެވެ. ބަކަރިއަކަށް ފުޅައްމައްޗަކުން ފުންމާލެވުނީޔާ ދެވަނަ ފުޅައްމަތިންވެސް ފުންނާނެކަން ކޮންމެ މީހަކަށްވެސް އެނގޭނެތީ އެވެ.

ދެން އިވޭ ވާހަކައަކީ މިހާރު ކޮފީއަކަށް ވެސް ކިޔާލާނެ މީހަކު ނުވެއެވެ. މިހެން ބުނާއިރު އެންމެ ފަހުން ދިޔަ ކޮފީ އަށް ވީގޮތް ހަނދާނުގައި އެބަހުރި ހެއްޔެވެ. ކޮންމެ މީހަކުވެސް ކަމެއް ކޮށްދޭނީ އެކޮށްދޭ ކަމެއް ބަލައިގަންނަ މީހުންނަށެވެ. ލިބޭތާ ލިބިގަންނަ ވިސްނުން ހުރި މީހާ ހުންނާނީ އަބަދުވެސް އެވިސްނުމުގައެވެ. ނަމަވެސް ދޭނެ މީހަކު ނުހުންނާނެއެވެ.

ކަންމިހެން އޮތުމުން ބުނެލަން ބޭނުމީ ރަޙްމަތްތެރިކަން ދެމިއޮންނާނީ ރަހްމަތްތެރިންގެ އިޙްސާސްތައް އެނގިގެންނެވެ. އެހެން މީހުން އުފުލަންޖެހޭ ބުރަ ތިމާވެސް އުފުލަން ޖެހޭނެކަމާއި، އެކަން އުފުލަން ޖެހުމުން ކުރެވޭ އިޙްސާސް ތަސައްވުރު ވެގެންނެވެ. ކޮފީ އަކީ ކޮފީއެވެ. އެއީ ކެއުމެއް ނުވަތަ މީރު ބުއިންތައް ބުއިމެއް ނޫނެވެ. ކޮފީގެ ބަދަލުގައި ބުއިންތައް ބޯން ބޭނުން ނަމަ ބިލު ދައްކަން ވެސް ފަސް ނުޖެހޭށެވެ.