ރާއްޖޭގެ މަސްރަހުގައި އެކި ދުވަސްވަރު ދެކެވެމުން ދަނީ އެކި ވާހަކަ ތަކެވެ. އެދުވަސްވަރެއްގައި އެންމެ ގިނައިން ދެކެވެމުން ދާ ވާހަކައަކީ މީސް މީޑިއާގައި ވެސް އެންމެން ކަހަލަ ގޮތަކަށް ދައްކަމުން ދާ ވާހަކައެވެ. އެއްބަޔަކު ފޯރިއާއި އެކު އެވާހަކައެއް ދައްކަމުން ފަތުރަމުން ދާއިރު އަނެއްބަޔަކު އެކަން ދިރާސާކޮށް ނުވަތަ މުނިފޫހި ފިލުވާލަން ނަމަވެސް ބަލާލަމުން ހާވަމުން ދެއެވެ.
މިދުވަސްވަރަށް ބަލާއިރު އެންމެންގެ ދޫމަތިން އަބަދުހެން ދެކެވެމުން ދަނީ ‘އަލަމް ގިރި’ ނުވަތަ އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ ވާހަކަ އެވެ. މިވެނި މީހަކު ނުވަތަ މިވެނި މުއައްސަސާއެއްގެ މީހަކު އެކަން ކުރި ވާހަކަ އެވެ. އެވެނި މީހެއްގެ ނުވަތަ ބައެއްގެ ވީޑިޔޯ ލީކުވެފައިވާ ވާހަކަ އެވެ.
ކޮންމެ އަކަސް ވީޑިއޯ ތަކުން ފެންނަމުން ދާ މީހުންނާއި، އެމީހުން ކުރި ކަމުގެ ގޯސްވާހަކަ އެންމެންވެސް ދައްކަމުން ދެއެވެ. އަދި އެއީ ގޯސްކަމެއްކަން އެންމެން ކަހަލަ ގޮތަކަށް ޤަބޫލު ކުރަމުން ވެސްދެއެވެ. އެހެންނަމަވެސް އުފެދޭ ސުވާލަކީ މިފަދަ ކަމެއް މިހާ ގިނަ މީހުން ކުރީ ކީއްވެގެން ބާއެވެ. މިކަމުގައި ޒިންމާވާން ޖެހެނީ ހަމައެކަނި ކަން ކުރި މީހުން ބާވައެވެ.
ހަޤީގަތަކީ އެފަދަ ހަޑި ހުތުރު އަމަލެއް ކޮންގެން ނުވާނެކަމެވެ.. ނަމަވެސް ދުރުވިސްނުމަކުން ވިސްނާނަމަ އެކަން ކުރި މީހާ އެކުރި ކަން ހަޑިކަމެއް ކަމަށް ބުނެ ނިންމާލުމަކީ އެކަން ކުރިއަށް އޮތްތަކުގައި ތަކުރާރު ނުވުމެއް ނޫނެވެ. ޖީލުތައް ސަލާމަތް ކުރުމަށް ބޭނުން ނަމަ މިފަދަ ކަމެއް މުޖުތަމަޢުގެ ތެރެއަށް ފެތުރިގެން ދިޔަ ސަބަބުތައް ވެސް ދެނެގަތުން މުހިއްމެވެ.
ތުންތުން މަތިން ދެކެވެމުންދާ ވާހަކަ ތަކަށް ބަލާއިރު އާއްމުކޮށް ފެންނަން މިހިރަ ކަންކަމުގެ އިތުރުން ވެސް ގިނަ ބަޔަކު މިފަދަ ހަޑިހުތުރު ކަންކަން ކުރުމަށް މަގުފަހިވާ ގިނަ ކަންކަން އެބަހުއްޓެވެ. އެގޮތުން އެއްޖިންސުން ގުޅުން ހިންގި ބަޔަކު މީގެ ކުރީގައިވެސް ރާއްޖޭގައި އުޅުނު ކަމަށް ތާރީޙް ހެކިވެފައިވެއެވެ. އެގޮތުން ރަސްކަމުގެ ކޮއިލު ތެރޭގައި މިފަދަ ކަންކަން ކޮށްފައިވާކަމަށާއި، އެއިން ބަޔަކަށް އަދަބު ތަކެއް ދެވިފައިވާކަން ވެސް އެނގެން އެބައޮތެވެ. އެހެންކަމުން މިކަމަކީ ޒަމާނުއްސުރެ ސިއްރިއްޔާތުގައި ހިނގަމުން ގޮސްފައިވާކަމެއްކަން އެނގޭއިރު ކޮންމެ ޒަމާނެއްގައިވެސް އެކަން ސިއްރިއްޔާތުގައި ފަތުރަމުން ދިޔަ ބަޔަކު ތިއްބެވެ.
މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ވީދި ވަކި ވަރަކަށް ވުރެ ހަޑިވުމުން ވެސް މިފަދަ ކަންކަން ފެނިގެން ދާނެއެވެ. އެގޮތުން ހާއްސަކޮށް ވެރިރަށް މާލޭގައި ގިނަބަޔަކު އެއްތަނެއްގައި އުޅެން ޖެހުމާއި، އެކަކަށް ފެންނަން ނުޖެހޭ ކަންކަމާއި އަމަލުތައް ފެންނަމުން ދިޔުމާއި، އަޚްލާޤީ މިންތައް ހަނިވެ ކޮންމެ ކަމެއްވެސް ‘އޯކޭ’ ވާހިސާބަށް ދިޔުމަކީ ވެސް އެއް ސަބަބެވެ. މައިންބަފައިންނާއި ގޭބިސީތަކުގެ އެންމެން އައުރައަށް ބެލުމެއް ނެތި އެކުގައި އުޅުމާއި، އެމީހެއްގެ މިނިވަންކަން އެމީހަކާއި އެކު ވުން ކަމަށް ޤަބޫލު ކުރުމަކީވެސް މީގެ ސަބަބުތަކެވެ.
އެއްޖިންސުން ފިރިހެނުންތަކެއް ގުޅުން ހިންގި ވާހަކަތައް ދެކެވެމުން ދާއިރު ފިރިހެނުން އެމީހުންގެ އަނބިން މަތިން ނުވަތަ އަންހެނުން މަތިން ފޫހިވުމަކީ ވެސް ވެދާނެ ކަމެއް ކަމަށް ބެލެވެއެވެ. އެހެނީ އަންހެނުންނެކޭ އެއްގޮތަށް ގިނަ ފިރިހެނުންނަކީ ގެވެށި އަނިޔާ އިންތިހާއަށް ތަހައްމަލު ކުރަން ޖެހިފައި ވާބަޔަކަށް ވީނަމަވެސް، ފިރިހެނުންގެ ޤަދަރު ދައްވެދާނެ ކަމަށް ދެކި އެކަންކަން ސިއްރުކުރަމުން ގޮސްފައިވެއެވެ. އެތައް ޒަމާނެއް ވަންދެން މިކަން މިގޮތަށް ގޮސްފައިވާއިރު އެކަން ގިނަ މުވައްސަސާތަކަށް އެނގި ފިޔަވަޅު އެޅިފައި ނުވެއެވެ. ތަކުރާރުކޮށް ހިނގަމުންދާ މިފަދަ ކަންކަމަށް އެކަށީގެންވާ ފިޔަވަޅު ނޭނޅި އަދި މީހުން ހޭލުންތެރި ނުކުރުވުމުގެ ނަތީޖާ އަކީ އެކަމުގެ ބަދަލު ހިފުމެވެ. އެހެންކަމުން މިއަދު ފެންނަމުން ދާ މަންޒަރަކީ އެއީ ކަމަށްވެސް ވެދާނެއެވެ.
މުޖުތަމަޢުގައި އަންހެނުން ބާރުވެރިކުރުވުމުގެ ނިޔަތުގައި ހިންގަމުންދާ ބައެއްކަހަލަ ހަރަކާތްތަކުގެ ސަބަބުންވެސް ފިރިހެނުންގެ ފަރާތުން މިފަދަ ކަންކަން ފެނިގެން ގޮސްދާނެއެވެ. އެހެނީ އަންހެނުން ބާރުވެރި ކުރުމުގެ ގޮތުން ހިންގޭ ކަންކަމުގެ ސަބަބުން ފިރިހެނުން ގެ ބާރު ދައްވެ، އެވެރިން ނިކަމެތި ކުރުވަމުން ދާކަމުގެ އިޙްސާސް ކުރާކަމަށް ބައެއް ފަރާތްތަކުން ޝަކުވާ ކުރަމުން ދެއެވެ. އެގޮތުން ކަންކަމުގައި ފިރިހެންގެ މައްޗަށް އަމުރު މަޢުރޫފު ހިންގުމުގައި އަންހެނުން ހައްދު ފަހަނަޅާ ދާކަމަށްވެސް ވާހަކަތައް ދެކެވެމުން ދެއެވެ. ނަތީޖާއެއްގެ ގޮތުން ފިރިހެނުންގެ ހިތްތަކުގައި އަންހެނުންގެ މައްޗަށް ނަފުރަތު އުފެދި އެމީހުންނާއި ގާތްވުމަށް ހިތް ނޭދޭ ހިސާބަށް ދިޔައީ ކަމަށް ވެސް ވެދާނެއެވެ.
ކޮންމެއަކަސް މުޖުތަމަޢުގެ ތެރޭގައި މިހާރު ފެތުރެމުން މިދާ ވަބާއަކީ ގިނަ ދުވަސްތަކެއް ވަންދެން މިދެންނެވުނު ކަހަލަ ކަންތައްތަކާއި ހުރެ ހިނގަމުން ގޮސްފައިވާ ކަންކަމެވެ. މިއަކީ އިއްޔަކު މިއަދަކު އުފަންވި ކަންކަމެއް ނޫނެވެ. ސިއްރިއްޔާތުގައި މިކަން ކުރަމުން ގޮސްފައިވެއެވެ. އަދި މިކަމަށް ކެނޑިނޭޅި ބަޔަކު ހިތްވަރު ދެމުން ދިޔުމަކީ މިކަން މިހާ ފާޅުކަން ބޮޑުކޮށް ކުރަން ފެށުނު އެއްމެ މައިގަނޑު ސަބަބެވެ.
އެއްޖިންސުން ގުޅުން ހިންގުމަކީ ކަނޑައެޅިގެން ހަރާމް ކަމެއްކަން އެނގެން އޮތްއިރުވެސް ބަޔަކު މީހުން އެކަން އެކުރަނީ އެމީހުންގެ ސިކުނޑިތަކަށް ވިސްނެމުންދާ ނުރަނގަޅު ވިސްނުންތަކާއި، މުޖުތަމަޢުއިން ދަސްވަމުން ދާ ކަންކަމުގެ ސަބަބުންނެވެ. އެހެންކަމުން އެއަމަލު ހިންގާ ކޮންމެ މީހަކީ މަރާލަން ޖެހޭ މީހެއްކަމަށް ބުނުމުގެ ބަދަލުގައި އެމީހަކު އެހާހިސާބަށް ދާން ޖެހުނު ސަބަބެއް ދެނެގަތުން ވެސް މުހިއްމެވެ. މުޖުތަމައު ދެކެ ލޯބިވާ އަދި މުސްތަޤުބަލުގެ ޖީލްތައް ސަލާމަށް ކުރުމަށް އެދޭ މީހެއްގެ ވިސްނުން ހުންނަން ވާނީ މިހެންނެވެ.