އައްޑޫ ސިޓީ ހުޅުދޫ، މީދޫ ބަހާއުއްދީން މަގުގައި ތާރަ އެޅި ރަނގަޅު ފެންވަރަކަށް ހެދިގެން ދިއުން ވެގެން ދިޔައީ އެ ދެ އަވަށުގެ ރައްޔިތުންނަށްވެސް ލިބުނު ބޮޑު ލުއި ފަސޭހައެކެވެ. ވަރަށް އަވަހަށް އެތެރޭގެ މަގުތައްވެސް ރަނގަޅު ފެންވަރެއްގައި ހެދިގެންދާނެކަމަށް ބުނެ އެކަމަށް ބޭނުންވާ ސާވޭތައްކޮށް ކުރެހުންތައްވެސް ވަނީ ނިންމާފައެވެ. އެހެންނަމަވެސް މި ވެރިކަމުގެ 4 އަހަރު ނިމެން ގާތްވެފައިވާއިރު ވެސް މި މަގުތަކުގެ މަސައްކަތް ފެށިފައެއް ނެތެވެ.
ހުޅުދޫ މީދޫގެ އެތެރޭގެ މަގުތަކުގެ ހާލަތު ގޯސްވެ، މީހުންގެ މުދަލާއި، ފުރާނައަށް ގެއްލުންވާ ފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. ހާއްސަކޮށް ވިއްސާރަވެ މޫސުން ގޯސްވެއްޖެ ނަމަ އެ މަގުތައް ބޭނުންކުރުން ވެފައި ވަނީ ބޮޑު ތަކްލީފަކަށެވެ. ބޮޑެތި ފެންގަނޑުތަކުން ސަލާމަތްވެގެން ދާން ބޭނުންވާ މަންޒިލާއި ހަމައަށް ސަލާމަތުން ދެވޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނޯވެއެވެ.
ހުޅުދޫ މީދޫ ރައްޔިތުންނާއި އެ ރަށަށް ޒިޔާރަތްކުރާ މީހުންވެސް އެންމެ ގިނައިން ބޭނުންކުރަމުންދާ މެދު ބަނދަރު މަގުގެ ހާލަތަކީވެސް މިއެވެ. މިހާރު އެމްޓީސީސީ އިން މި ދެ އަވަށުގައި ބަހުގެ ހިދުމަތް ފަށާފައިވާއިރު، މި މަގުގެ ހާލަތު އޮތް ގޮތުން، އެ މަގުން ދަތުރުކުރުމަކީ ދަތުރުވެރިންގެ އިތުރުން، ބަސް ޑްރައިވަރުންނަށްވެސް އެކަމުގެ އުދަގޫ ތަހައްމަލް ކުރަންޖެހޭނެ ކަމެއްކަމުގައި ޔަގީނެވެ.
އޭއޯނިއުސް އާއި ވާހަކަދައްކަމުން މިދޫއަށް ނިސްބަވާ މިހަކު ބުނީ މި ދެ ރަށުގެ މަގުތަކުން ދުއްވުން ވެފައި މި ވަނީ އުފުލަން ޖެހޭ ބޮޑު ތަކްލީފަކަށް ކަމަށެވެ. “ކޮންމެ އަހަރަކު އަހަރީ ފީ އާއި ދައްކަންޖެހޭ އެހެނިހެން ފީތައް މި ދެ އަވަށުގެ ރައްޔިތުންވެސް ދައްކާ. އެކަމަކު އަޅުގަނޑުމެންގެ އަގު ބޮޑު ވެހިކަލްތައް ދުއްވަން އެކަށީގެންވާ މަގެއް ނެތި ލިބޭ ގެއްލުން އެހާ ބޮޑު. މި މަގުތަކުގައި ދުއްވަން ފަސޭހަވާނެ ގޮތަށް ވަގުތީ ހައްލެއް ވިޔަސް ހޯދައިދޭން ޖެހޭ” އެ ފަރާތުން ބުންޏެވެ.
ރައްޔިތުން އެންމެ ބޭނުންވި ކަމަކީ ބަހާއުއްދީން މަގުގައި ފެންބޮޑުވާ މައްސަލައަށް ޙައްލު ވެގެން ދިއުން ކަމުގައި ދެކި، ދެން ތިބި މަގުތައް ނަހަދާ ދޫކޮށްލެވޭކަމަށް ނެތެވެ. ހަމައެހެންމެ އެންމެ މަގެއް ރަނގަޅު ފެންވަރުގައި ހެދުމަށް ފަހު ސަނާކިޔަން ތިބެވޭކަށެއްވެސް ނެތެވެ. ހުޅުދޫ އަދި މީދޫ މަގުތަކުގެ ހާލަތު ނުފެންނާނެ އެއްވެސް ވެރިއެއް މި ދެ އަވަށުގައި ނުހުންނާނެކަން ޔަގީނެވެ. މި ދެ އަވަށުގެ މަގުތައް ގާ އަޅާ ރަނގަޅު ފެންވަރަކަށް ހެދެން، ދެންވެސް، މި މަގުތަކުގައި ފަސޭހައިން ދުއްވޭނެ، މަގު ފަހިކޮށް ދޭންޖެހެއެވެ. އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ދާ މި ދެ އަވަށުގެ މަގުތަކުގައި ބޮޑެތި ވެހިކަލްތައް ދުއްވާއިރު މަގުތަށް ހަލާކުވުމަކީ ނުވެ ނުދާނެކަމެކެވެ. އެހެންނަމަވެސް މި މައްސަލައަށް ހައްލެއް ހޯދައިދިނުމަކީ ކަމާއި ގުޅުން ހުރި ހުރިހާ ފަރާތްތަކުގެ ޒިންމާއެއް ނޫންތޯއެވެ.