ކޮންމެ ޤައުމެއްގެވެސް ވަލީޢުލް އަމުރު ނުވަތަ ދަޢުލަތުގެ އެންމެ އިސްވެރިޔަކީ އިޙްތިރާމާއި ޤަދަރު ލިބިގެންވާ މީހެކެވެ. ރިޔާސީ ނިޘާމް އޮންނަ ޤައުމުތަކުގައި ދަޢުލަތުގެ އެންމެ އިސްފަރާތް ނުވަތަ ރައިސުލް ޖުމްހޫރިއްޔާ އައްޔަން ކުރަނީ ރައްޔިތުންގެ ސީދާ ވޯޓަކުންނެވެ. އެހެންކަމުން ރައީސަކު ހޮވުމުގެ ހުރިހާ ބާރެއް އޮންނަނީ ރައްޔިތުންގެ އައްމަތީގައި ބުނެވެއެވެ.
ރާއްޖެއަށް ބެލިކަމުގައި ވީނަމަވެސް މިކަން ދެމިގެން ގޮސްފައިވަނީ މިދެންނެވުނު ފަދައިންނެވެ. ވޯޓް ލައިގެން ރައީސަކު ހޮވުމަކީ ގިނަ ޤައުމުތަކުގައި ކަންހިނގާ ބީދަކަމުގައި ވީހިނދު އެކަމުގައި އަޖައިބު ކުރުވަނިވި ކަމެއް ނެތެވެ. މިކަމުގައި ގިނަބަޔަކު ހެއްވާލާކަމަކީ ވޯޓުން ހޮވޭ ރައީސެވެ. އެއް ރައީސާއި އަނެއް ރައީސާއި ހުންނަ އެއްގޮތް ކަންތައްތަކެވެ. ބަލާބެލުމަށް އިއްތިފާގެ އެކޭ ވެސް ދެންނެވޭތީ އެވެ.
މިދެންނެވުނު އެއްގޮތް ކަމަކީ މިޒާޖާއި އުޅުމުގެ ވައްޓަފާޅީގެ އެއްގޮތްކަމެއް ނޫނެވެ. އެހެނަސް މިހާތަނަށް ރާއްޖޭގައި ޖުމުހޫރީ ވެރިކަމެއް ޤާއިމް ކުރެވުނު ފަހުން ތުބުޅި މަތިމަސް ހުންނެވި ވެރިއަކު ފެނިފައި ނުވާ ވާހަކައެވެ.
ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުޙައްމަދު އަމީން ދީދީ 1953 ޖެނުއަރީ އިން އެއަހަރުގެ ސެޕްޓެމްބަރ 2 ވަނަ ދުވަހާއި ހަމައަށް ވެރިކަން ކުރެއްވިއެވެ. އަދި އެމަނިކުފާނަށްފަހު ނައިބު ރައީސް އިބްރާހީމް މުޙައްމަދު ދީދީ 186 ދުވަހު ވެރިކަން ކުރެއްވިއެވެ. މިދެބޭފުޅުންގެވެސް ތުބުޅިއެއް އަދި މަތިމަހެއް ނެތެވެ. ދެން ފެނިގެން ދިޔައީ ރަސްކަމަކަށް ބަދަލުވި ތަނެވެ. 1954 މާރޗް 7 ވަނަ ދުވަހުން ފެށިގެން 14 އަހަރާއި 249 ދުވަސް ވަންދެން ރަސްގެފާނު މުޙައްމަދު ފަރީދު ދީން ރަސްކަން ކުރެއްވިއިރު އެމަނިކުފާނުގެ ވެސް ތުބުޅި މަތިމަހެއް ނެތެވެ.
މިއަދު މިދެކޭ ދެވަނަ ޖުމްހޫރިއްޔާ 11 ނޮވެމްބަރ 1968 ވަނަ އަހަރު ފެށިފައިވާއިރު ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހީމް ނާސިރު 10 އަހަރު ވެރިކަން ކުރެއްވި އިރުވެސް ތުނބުޅި އަދި މަތިމަހެއް ނެތެވެ. ރައީސް މަޢުމޫން ޢަބްދުލް ޤައްޔޫމް 1978 އިން ފެށިގެން 30 އަހަރު ވެރިކަން ކުރެއްވި އިރުވެސް އެއްވެސް އިރެއްގައި ތުނބުޅި މަތިމަސް ނުބަހައްޓަވައެވެ. ދެން ފެނިގެން ދިޔައީ 3 އަހަރާއި 88 ދުވަހު ވެރިކަން ކުރެއްވި ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމާއި އެދަޢުރުގެ ބާކީ ބައި ވެރިކަމުގައި ހުންނެވި ރައީސް މުޙައްމަދު ވަޙީދު ހަސަން ގެ ވެރިކަމެވެ. މިދެބޭފުޅުންގެ ވެރިކަން ނިމިގެން ދިޔައިރު ވެސް ފެނިގެން ދިޔައީ އެހެން ރައީސުންނާއި އެއްގޮތަށް ތުނބުޅި މަތިމަސް ނެތި ވެރިކަން ނިންމަވާލެއްވި ތަނެވެ. 2013 ވަނަ އަހަރުން ފެށިގެން އެއް ދަޢުރުގެ ވެރިކަން ކުރެއްވި ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ ވެސް ތުނބުޅި މަތިމަހެއް ފެނިފައި ނުވެއެވެ. ދިވެހިރާއްޖޭގެ ރައީސް ކަމުގައި މިވަގުތު ހުންނެވި އިބްރާހީމް މުޙައްމަދު ސާލިހު ވެރިކަމުގައި ހުންނަވާތާ 3 އަހަރަށް ވުރެ ގިނަވެފައި ވާއިރު އެމަނިކުފާނުވެސް ފެނިގެން މިދަނީ އެހެން ވެރިންނާއި އެއްގޮތަށް ތުނބުޅި މަތިމަސް ނެތް ވެރިއެއްގެ ގޮތުގައެވެ.
ތުނބުޅި މަތިމަސް ނެތުމަކީ ދިވެހިރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ރައީސުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތެއްކަމަށް ހީވާކަހަލަ އެވެ. މިގޮތަށް މިހެން ދެންނެވުމުން ބަޔަކު ހިތްހަމަ ނުޖެހި އެއީ އެމީހެއްގެ އަމިއްލަ ޒާތީ ކަމެއްކަމަށް ބުނި ނަމަވެސް އިސްލާމް ދީނުގައިވެސް ތުނބުޅި މަތިމަސް ބެހެއްޓުމަށް ފިރިހެނުންނަށް އަންގަވާފައިވެއެވެ.
މިހާހިސާބުން ދެން އުފެދޭ ސުވާލަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުން މި ފަލްސަފާ ބަދަލު ވެދާނެ ބާއެވެ. ނުވަތަ ރައްޔިތުންގެ ނިންމުން ދެންވެސް އޮތީ ތުނބުޅި މަތިމަހާއި ނުލާ ބާއެވެ. 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް މިހާތަނަށް އިޢުލާން ކޮށްފައިވާ ފަރާތަކުގެ ތެރޭގައި ތުނބުޅި މަތިމަސް ތިއްބެވި ބޭފުޅުންނާއި ނެތް ބޭފުޅުން އެބަތިއްބެވެ. އެހެންކަމުން މިއިންތިހާބަކީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ތާރީޚް ބަދަލު ކޮށްލާނެ ފަދަ އިންތިޚާބަކަށް ވެސް ވެދާނެއެވެ.