English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން އަމީނިއްޔާ ސްކޫލްގައި ބޭއްވި ޚާއްސަ އެސެމްބްލީ ޝަރަފުވެރިކޮށްދިނުން/ ފޮޓޯ- ރައީސް އޮފީސް

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވައުދު ވެލައްވާފައިވާގޮތަށް، ގދ. ގަން ގައްދޫ ކައުންސިލާއި ހަވާލުކޮށްދެއްވުން އެދި ގދ. އަތޮޅު ކައުންސިލުން ގަރާރެއް ނެރެފިއެވެ.

ގދ. ގައްދޫ ކައުންސިލުން އެކުލަވާލާފައިވާ ގަރާރަށް ގދ. އަތޮޅު ކައުންސިލުގެ 04 ވަނަ ދައުރުގެ 48 ވަނަ ބައްދަލުވުމުގައި ތާއީދުކޮށް މިގަރާރު މިއަދު އަތޮޅު ކައުންސިލުން ވަނީ އާއްމުކޮށްފައެވެ.

ގދ. ގަމަކީ ގައްދޫ ރަށުއޮފީހުން ބަލަހައްޓަމުން އައި ފަޅުރަށަކަށް ވާއިރު މިހާރުވެސް ގަން އޮންނަން ޖެހޭނީ ގައްދޫ ކައުންސިލްގެ ޒިންމާދާރުތަނެއްގެ ގޮތުގައިކަމަށް ގައްދޫ ރައްޔިތުން އެއްބަސްވެއެވެ. އެއްވެސް ސަބަބަކާހުރެ ބަޔަކަށް ގދ. ގަން ހަވާލުކުރަންވާނީ، ކައުންސިލާއި ސަރުކަރުގެ ކަމާބެހޭ ފަރާތްތަކާއި ވާހަކަ ދެކެވި ގައްދޫ ރައްޔިތުންގެ މާލިއްޔަތަށް ފައިދާކުރުވަނިވި އުސޫލެއްގެ ދަށުންކަމަށް ގައްދޫ ރައްޔިތުން ދެކެއެވެ.

ޒަމާނުއްސުރެ ގައްދޫ ރައްޔިތުން ކުރަމުންއައި ދަނޑުވެރިކަމުގެ މަސައްކަތުން އާމްދަނީ ލިބި އާއިލާތަކުގެ ތަނަވަސްކަމުގެ ބޮޑުބައި ހަމަޖައްސަނީ ގަމުގެ ދަނޑުވެރިކަމުން ލިބޭ ފައިދާއިންނެވެ. ރާއްޖެއަށް ތަދުމަޑުކަމުގެ ހާލަތު ދިމާވި ޒަމާންތަކުގައިވެސް މުޅި ހުވަދުއަތޮޅުގެ ރައްޔިތުންގެ ބަނޑުފުރާނަ މުއްތިކޮށްފައިވަނީ ގަމުގައި ގައްދޫ ރައްޔިތުން ހައްދާފައިވާ ގޮވާމުންކަން 1940ގެ އަހަރުތަކުގައި ރާއްޖެއަށް ދިމާވި ބޮޑު ތަދުމަޑުކަމުގެ ދުވަސްވަރަށް ބައްލަވާލެއްވިޔަސް ހުވަދުއަތޮޅުގެ ތާރީހުން އެނގެއެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްގައްޔޫމުގެ ޒަޢާމަތުގައި 1990 ގެ އަހަރުތަކުގައި ގދ. ގަން ގައްދޫގެ އަވަށެއްގެ ގޮތުގައި މީހުން ވަޒަންވެރިކުރުމަށް ޗާޓް ކުރައްސަވާ ތައްޔާރުވަމުންދިޔަ ކަން އޭރުގެ މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ ލިޔުންތަކުންވެސް ސާފުވާނެ ކަމަށާއި އޭރު ކުރެއްސެވި ގަމުގެ ބިނާވެށި ޕްލޭން ގައްދޫ ކައުންސިލް އިދާރާގައި މިހާރުވެސް އޮތްކަމަށް މިގަރާރުގައި ބުނެއެވެ.

ދަނޑުވެރިކަމުގެ މަޝްރޫއެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިކޮނޮމިކް ކައުންސިލުން ނިންމަވައިގެން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ގައްދޫގެ ރައްޔިތުންނާއި ގައްދޫ ކައުންސިލްގެ އެއްވެސް ބަހެއްނެތި ގދ. ގަން އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑާއި ހަވާލުކުރުމަކީ ގައްދޫގެ ތާރީހާއި ރައްޔިތުންނަށް ވެވޭ ވަރަށްބޮޑު ބޭއިންސާފެއްކަމަށް މިގަރާރުގައި ވެއެވެ.

ގައްދޫ ރައްޔިތުންނަށް ގދ. ގަން ލިބޭނެ އިންތިޒާމް ހަމަޖައްސަވާ ދެއްވާނެކަމަށް ރިޔާސީ އިންތިހާބުގައި ގައްދޫއާށް ވަޑައިގެން ގައްދޫ ރައްޔިތުންނަށް ވިދާޅުވެ ގައްދޫ ކައުންސިލުގެ 03 ވަނަ ދައުރުގައި، 2019 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާއާއި ރައީސް އޮފީހުގައި ބައްދަލުކުރެއްވި ދުވަހު އެބައްދަލުވުމުގައިވެސް ގދ.ގަން ގައްދޫ ކައުންސިލާއި ހަވާލުކޮށްދެއްވާނެކަން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވަނީ ވިދާޅުވެދެއްވާފައެވެ.

ގައްދޫ ކައުންސިލުން އުއްމީދުކުރަމުން އައީ ގދ. ގަން ގައްދޫ ކައުންސިލާއި ސަރުކާރުން ހަވާލުކުރުމާއިއެކު މުޅި ގަން ހިމެނޭގޮތަށް ގައްދޫގެ ބިނާވެށި ޕްލޭން މުރާޖާކުރެވި ރައްޔިތުންގެ މާލިއްޔަތަށް ފައިދާކުރުވަނިވި އުސޫލާއި ގަވާއިދުތައް ހަމަޖައްސާ ވަރަށް އަވަހަށް އިއުލާންކޮށް އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ކުންފުންޏަކަށް ގަމުގައި އިންވެސްޓް ކުރުމުގެ ފުރުސަތުދީ ޓެކްނޮލޮޖީ އާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަމާއި އެނޫންވެސް ފައިދާކުރުވަނިވި ޕްރޮޖެކްޓްތައް ހިންގުމަށެވެ.