ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ސޮއި ހަމަކޮށްފިއެވެ.
ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ “ސަން” އޮމްލައިންގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރަކާއި ހަވާލާދީ ބުނެފައިވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ ވަރަށް މެންބަރުންގެ ސޮއި ހަމަވެފައިވާ ކަމަށެވެ.
ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ބ)، (ޅ) އަދި (ކ) ގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންނަށް ވުރެ މަދު ނޫން މެންބަރުންނަށް މަޖިލީހުގެ ރައީސް، މަގާމުން ވަކިކުރުމަށް ފެނިއްޖެނަމަ އެ މައްސަލަ މަޖިލީހަށް ހުށަހެޅިދާނެއެވެ.
އެގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅޭނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުން ލިޔެ، ސޮއިކޮށް މައްސަލައެއްގެ ގޮތުގައި ހުށަހަޅާ ގަރާރު މަޖިލީހަށް ފޮނުވުމުންނެވެ.
މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް ހިނގަމުންދާ ޖަލްސާއެއްގައި ވާހަކަދައްކާނެ މެންބަރުންގެ އަދަދާއި މެންބަރަކު ވާހަކަދައްކަން ލިބޭ ފުރުސަތުގެ ދިގުމިން އާންމު ކޮމިޓީން ކަނޑައަޅާއިރު، މަޖިލީހުގެ ރައީސަށް އޭނާގެ ދިފާއުގައި ވާހަކަދެއްކުމަށް ލިބިދޭ ފުރުސަތުގެ އަދަދާއި އެ ފުރުސަތުގެ ދިގުމިން ކަނޑައަޅާނީ ވެސް އެ ކޮމެޓީންނެވެ. އޭނާގެ ދިފާއުގައި ވާހަކަ ދެއްކުމުގެ ހައްގު މަޖިލީހުގެ ރައީސަށް ލިބިގެންވެއެވެ.
މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގައި އަމަލުކުރާ އުސޫލުތަކަކީ މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގައި ވެސް އަމަލުކުރަންޖެހޭނެ އުސޫލުތައް ކަމަށް މަޖިލީހުގެ ގަވާއިދުގައިވެއެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ މެންބަރުން މަސައްކަތް ފަށާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ ބޮލުގައި ރައީސް ނަޝީދު ޒިނޭގެ އިލްޒާމް އެޅުވުމުންނެވެ.
ރައީސް ނަޝީދު ކުރެއްވި ތުހުމަތުތަކާއި ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެފައިވަނީ އިސްލާމީ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް މަޖިލީހުގެ ރައީސް ނަޝީދުގެ ކިބައިގައި މިހާރު ނެތް ކަމަށެވެ.
” ރައީސް ނަޝީދުގެ ކޮއްކޮ ހައްޔަރުކުރުމުން އޭނާގެ ދިފާއުގައި ނުކުންނަވަން ބޭނުން ކަމުގައި ވާނަމަ، ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ގޮތުގައި ހުންނަވައިގެން “އެގޮތަށް” ނުކުމެވޭނެ ކަމަށް ގަބޫލު ނުކުރަން. ކޮންމެ މީހަކު ވިޔަސް، މިއީ އިސްލާމީ ގައުމެއްގަ މި ގައުމުގަ ހުންނަ ގާނޫނުތަކާ ގަވާއިދުތަކާ އެއްގޮތަށް އަމަލު ކުރާނީ. ވަކި މީހެއްގެ ކޮއްކޮތޯ، ބޭބެތޯ، އެހެންމީހެއްތޯ ބަލާފައެއް ނޫން އަމަލު ކުރަން ޖެހޭނީކީއެއް،” ރޮޒައިނާ ވިދާޅުވިއެވެ.