English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ވަފުދެއް އިންޑިއާގެ ނިއު ދިއްލީ އަށް މިރޭ ފުރައިފިއެވެ.

މަޖިލިސް އިދާރާ އިން ބުނީ މި ވަފުދުގައި 10 މުވައްޒަފުން ހިމެނޭ ކަމަށާއި މި ދަތުރަކީ ތަމްރީނު ހޯދުމަށް އެ ގައުމަށް ކުރާ ދަތުރެއް ކަމަށެވެ.

މިއީ 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީސް ލޯކް ސަބާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ތަޖުރިބާ ބަދަލުކޮށް ދެ ގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މަސައްކަތް ދެނެގަނެ، މަޢުލޫމާތު ހޯދުމުގެ ގޮތުން ކުރާ ދަތުރެއް ކަމަށް މަޖިލިސް އިދާރާ އިން ބުންޏެވެ.

މި ދަތުރުގައި މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރައްވާ ޕާލަމެންޓަރީ ސަރވިސްގެ 10 ބޭފުޅުންބައިވެރިވެވަޑައިގަންނަވއެވެ. އޭގެ ތެރޭގައި އެކި ސެކްޝަންތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ހިމެނެއެވެ.

މި އޯގަސްޓް މަހުގެ 1 އިން 6 އަށް ކުރާ ދަތުރުގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކޮށް، މަސައްކަތް ކުރާގޮތް ބައްލަވާ ލައްވާ މައުލޫމާތު ހޯއްދަވާނެ ކަމަށް މަޖިލިސް އިދާރާ އިން ބުނެއެވެ.

މިއީ 2019 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން އިންޑިއާއަށް ދަތުރުކުރާ ދެ ވަނަ ވަފްދެވެ. ފުރަތަމަ ވަފްދު ނިއުދިއްލީއަށް ދިޔައީ 2020 ވަނަ އަހަރުގައެވެ.