English Edition
Dhivehi Edition

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 126 މައްސަލައެއް މިދިޔަ ޖޫން މަހު ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖޫން މަހު އެ އިދާރާ އަށް ޖުމްލަ 248 މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް އެކި ބާވަތުގެ އަނިޔާކޮށްގެން ރިޕޯޓްކޮށްފައިވާ މައްސަލަތަކެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ގޮތުން އިހުމާލުވުމުގެ 28 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 27 މައްސަލަ، ނަފްސާނީ ހާނިކައިގެ 26 މައްސަލަ، ޖިންސީ ހާނިކައިގެ 24 މައްސަލަ، ޖިސްމާނީ ހާނިކައިގެ 16 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 2 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 1 މައްސަލަ، ނަހަމަ ގޮތުގައި ވިޔަފާރި ފައިދާ އަށް ބޭނުންކުރުމުގެ 1 މައްސަލަ އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 1 މައްސަލަ މި ކެޓަގަރީން ވަނީ ހުށަހެޅިފައިވެއެވެ.

ޖޫން މަހު ދެން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ މައްސަލަތަކެވެ. އޭގެ 40 މައްސަލައެއް މިނިސްޓްރީ އަށް ހުށަހަޅާފައިވެ އެވެ. މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ 22 މައްސަލަތަކެވެ. މިބާވަތުގެ މައްސަލަތަކުގެ ގޮތުގައި ނަފްސާނީ އަނިޔާކުރުން/އަނގަބަހުންކުރެވޭ އަނިޔާކުރުމުގެ 8 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 4 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންތައްތަކުގެ 3 މައްސަލަ، ގަދަކަމުން ޖިންސީ ގޯނާކުރުމުގެ 1 މައްސަލަ، މުދާ ހިފެހެއްޓުމާއި/މުދަލަށް ގެއްލުންދިނުމުގެ 1 މައްސަލަ އަދި ހިފެހެއްޓުމުގެ އަމަލުގެ 1 މައްސަލައެއް ވަނީ ހުށަހެޅިފައެވެ.

މީގެ އިތުރުން އާއިލީ މައްސަލަތަކާއި ގުޅުންހުރި 26 މައްސަލައެއް ޖޫން މަހު މިނިސްޓްރީއަށް ހުށަހެޅިފައިވާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 19 މައްސަލަ ވަނީ ހުށަހަޅައިފައެވެ.