English Edition
Dhivehi Edition

ޏ.ފުވައްމުލަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތުނޑު ކުނާ ވިޔަން ދަސްކޮށްދިނުމުގެ ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.މިތަމްރީނު ޕްރޮގްރާމަކީ ޔޫރަޕިއަން ޔޫނިއަންއިން ފަންޑުކޮށް ވޯލްޑް ބޭންކުން މެނޭޖްކޮށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީން ހިނގާ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭޕީ) ގެ ދަށުން މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ (މެކްސް) އާއި ހަވާލުކޮށް ހިނގާ ތަމްރީނު ޕްރޮގްރާމެކެވެ. 16 އަހަރު ފުރިފައިވާ ފުވައްމުލަކުގައި ދިރިއުޅޭ ކޮންމެ ރައްޔަތަކަށްވެސް މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިހާރު ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާއިން މި ތަމްރީންގައި ބައިވެރުމަށް އެދޭ ފޯމް ލިބެން ހުންނާނެ ކަމަށާއި 22 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފޯމް ފުރުމަށްފަހު އެ އިދާރާއަށް ހުށަހެޅުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ވަނީ އެދިފައެވެ. މިކޯހުގައި ގިނަވެގެން ބައިވެރިވެވޭނީ 16 ފަރާތަށްކަމަށްވާއިރު އެއަށްވުރެ ގިނަ ފަރާތުން ކޯހަށް އެދި ހުށަހަޅާނަމަ ކޯހުގެ ބާވަތައް ބަލައި އިސްކަންދެވޭނީ އަންހެނުންނަށާއި، ރަސްމީ މަސައްކަތެއްގައި ޝާމިލްނުވާ ފަރާތްތަކަށާއި އަތްތެރި މަސައްކަތް ކުރުމުގައި ކޮންމެވެސް ގޮތަކުން ޝާމިލްވެފައިވާ ފަރާތްތަކަށް ކަމަށް އެ މިނިސްޓްރީންވަނީ ބުނެފައެވެ.ކޯހުގައި ބޭނުންކުރާނެ ތަކެތި ކޯސް އިންތިޒާމު ކުރާފަރާތުން ދޭ ގޮތަށް ހަމަޖެހިފައިވާއިރު ކޯހުގައި ބައިވެރިވުމަށް ފީއެއް ދައްކާކަށް ނުޖެހެއެވެ. މި ކޯހާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގެ ނަންބަރ: 6865001، ނުވަތަ 7996694 ނަންބަރު ގުޅުމުން މި ކޯހާއި ބެހޭ އިތުރު މައުލޫމާތު ލިބިގެންދާނެއެވެ.